ފިލްމް "ސްޓްރީ"ގެ ކާމިޔާބީއަށްފަހު އެޓީމުން އުފައްދާ ފިލްމު "ރޫހީ އަފްޒާނާ" ކުރިއަށް އޮތް މާރޗް މަހުގެ 11 ވަނަ ދުވަހު ތިއޭޓަރުތަކުގައި ރިލީޒުކުރުމަށް ނިންމައިފިއެވެ.
ހޮރޯ ކޮމެޑީ މިފިލްމުގައި މުހިއްމު ރޯލެއް ކުޅެނީ ފިލްމު "ސްޓްރީ" ގެވެސް މެއިން ލީޑް އެކްޓަރު ރާޖް ކުމާރް ރާއޯއެވެ. ރާޖްއާއެކު ދެން ފެނިގެންދާނީ ބަތަލާ ޖާންވީ ކަޕޫރު އަދި ހެއްވާ މަޖާ ރޯލްތަކުން ފެންނަ ވަރުން ޝަރްމާއެވެ.
އިންޑިއާގެ ސިނާމާތައް 100 ޕަސެންޓް ޖާގައިގައި ހުޅުވާލުމަށް ހުއްދަ ލިބުމާ ގުޅިގެން މިއަހަރު ޑިޖިޓަލް ޕްލެޓް ފޯމްއިން ރިލީޒްކުރަން ނިންމާފައިވާ ބައެއް ފިލްމުތައްވެސް ސިނާމާތަކުގައި ރިލީޒްކުރުމާ ދޭތެރޭ ޕްރޮޑީއުސަރުންދަނީ މަޝްވަރާ ކުރަމުންނެވެ.
2018 ވަނަ އަހަރު ނެރުނު ފިލްމު "ސްޓްރީ"ގެ ޑައިރެކްޓަރު ހާރްދިކް މެހެތާ ޑައިރެކްޓްކުރާ މިފިލްމު ފަނަރަ ސަތޭކާ ސިނަމާތައް ނުވަތަ ތިއޭޓަރު ހޯލްގައި އެޅުވުމަށްދަނީ ތައްޔާރުވަމުންނެވެ.
ކޮވިޑްގެ މިނުރައްކާތެރި ދަނޑިވަޅުގައި އިންޑިއާގެ ސިނަމާތައް ހިންގަން ހުއްދަ ލިބިފައިވީނަމަވެސް ގިނަ ޕްރޮޑިއުސަރުން ތިބީ އެމީހުންގެ ފިލްމުތަކަށް ފޫނުބެއްދޭނެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރުހީވެފައެވެ.
އެހެންނަމަވެސް މިފިލްމުގެ ޕްރޮޑީއުސަރ ދިނެޝް ވިޖަން ބުނެފައިވަނީ ކޮންމެވެސް އެއްބަޔަކު ސިނަމާތަކުގައި ފިލްމު އެޅުވުމަށް އެއްބާރުލުން ދޭންޖެހޭކަމަށެވެ.
އެހެންކަމުން އޭނާ ބޭނުންވަނީ ބިރުވެރި ހެއްވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މިފިލްމު މެދުވެރިކޮށް ބެލުންތެރިން ހެއްވާލުމަށެވެ.
"ރޫހީ އަފްޒާނާ" ފިލްމަކީ އެކްޓަރު ރާޖްކުމާރް ރާއޯ އަދި ޒުވާން ބަތަލާ ޖާންވީ ކަޕޫރު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ރާޖްކުމާރް ރާއޯ އެންމެ ފަހުން ފެނިފައިވަނީ އެމެރިކަން ޑްރާމާ ފިލްމު "ވައިޓް ޓައިގަރ"އިންނެވެ.
ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި އެކްޓަރު އާދަރްޝް ގޯރަވްއާއެކު ރާޖް ކުމާރް ރާއޯ ކުޅެފައިވާ މިފިލްމަކީ ބައިނަލް އަޤްވާމީ ގޮތުންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކާމިޔާބު ފިލްމެކެވެ.
މިފިލްމުވަނީ މިދިޔަ ޖެނުއަރީމަހު 22 ވަނަ ދުވަހު ނެޓްފްލިކްސްއިން ރިލީޒްކޮށްފައެވެ.