މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ލިޔުމެކެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ ބައިންބަފައިންގެ އަޅާލުން ނުލިބި މުޖުތަމަޢުގައި ދިރިއުޅޭ ކުދިންނަކީވެސް މުސްތަޤްބަލް އުޖާލާކުރުމަށް އަޒުމް ކަނޑައަޅައިގެން ހިތްވަރާއެކު ގަދައަޅާ މަސައްކަތްކޮށްފިނަމަ ކުރިމަގުގައި މައިން ބަފައިންގެ ލޯބި ލިބި އުފާވެރި ޚަޔާތެއް ވޭތުކުރެވިދާނެކަމެވެ.

****

އަޅުގަނޑު އަލީ ޝިފާޒް (އަސްލު ނަމެއް ނޫން) މާލޭ ރަށްވެއްސެކެވެ. މިހާރު އަޅުގަނޑަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްގައި މަސައްކަތްކުރަމުންދާ ޓެކްނީޝަނެކެވެ. ޢުމުރަކީ 21 އަހަރެވެ. އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފެށިގެން އަޅުގަނޑުގެ މަންމަ އާއި ބައްޕަ ވަނީ ވަކިވެފައެވެ. ބަައްޕައަކީ މާލޭން ދެކުނު ރަށެއްގެ މީހެކެވެ. މަންމައަކީ މާލޭގެ ގެދޮރު ހުރި އާއިލާއެއްގެ މީހެކެވެ. ނަމަވެސް އަޅުގަނޑުމެން ދިރިއުޅޭ ގެއަކީ ކޮތަރު ކޮށްޓެކޭވެސް ބުނެވިދާނެއެވެ. އެހާވެސް މީހުން ގިނަ ފުރިބާރުވެ ތޮއްޖެހިފައިވާ ގެއެކެވެ. އަޅުގަނޑުގެ އިތުރުން މަންމަގެ 6 ކުދިން ތިބެއެވެ. ބައްޕަ އުޅެނީ އެހެން ރަށެއްގެ މީހަކާ އިދެގެން ރާއްޖެތެރެ ރަށެއްގައެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް ބައްޕަގެ ލޯބި އަޅުގަނޑުމެންނަކަށް ނުލިބެއެވެ. މަންމަވެސް އޭރު އަޅުގަނޑަކަށް އެހާ ރަގަޅެއް ނޫނެވެ. އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް ސްކޫލަށް ދަނީ އެކަންޏެވެ. ގިނަ ފަހަރަށް ސައިވެސް ނުބޮއެވެ. ކުޑަމިނުން ސައިބޮއިފިންތޯ މަންމަ އަހާވެސް ނުލާނެއެވެ. އަޅުގަނޑަށް މަންމަގެ ހާލަތުވެސް އެގެއެވެ. ފައިސާ ނެތްކަމާއި ގިނަ ކުދިންތަކެއް ގޮވައިގެން އުޅެންޖެހުމަކީ ކިހާވަރެއްގެ ކަމެއްކަންވެސް އެނގެއެވެ. އޭރުވެސް ވިސްނެއެވެ. ނަމަވެސް އަޅުގަނޑާއި އެއްކުލާހެއްގައި އުޅޭކުދިންގެ މައިންބަފައިން އެކުދިން ގޮވަައިގެން ސްކޫލްދޮށަށް ދާތަން ފެނުމުން އަހަރެންގެ ހިތަށްވެސް ވަރަށް އަސަރު ކުރެއެވެ. އެކުދިންގެ މައިން ބަފައިން ރަނގަޅު ވާހަކަ އެކުދިން ކިޔައިދިނުމުން އަޅުގަނޑުގެ މައިން ބަފައިންވެސް ރަނގަޅުވާނެ ނަމައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ބައެއް ދުވަސްދުވަހު ބަނޑުހައިވެގެން ހަދާނެގޮތް ހުސްވެއެވެ. ސްކޫލް ނިމިގެން ގެއަށް އަޔަސް ގިނަ ފަހަރަށް ކާއެއްޗެއް ނުލިބެއެވެ. ދެން ކޮންމެވެސް މީހެއްގެ ކައިރީ ބުނެގެން ގެއާއި ޖެހިގެން އިން ހޮޓަލުން ކާލަނީއެވެ. މިގޮތަށް އުޅެމުން އަޅުގަނޑަށް ކިޔެވުނީ ގްރޭޑް 7 ކާއި ހަމައަށެވެ. ސަލާން ޖަހައިގެން އުޅެން ޖެހުމުން ކިޔެވުމަށް ހުރަސްތަކެއް އެޅެން ފެށުނެވެ. އެގޮތުން އެއްދުވަހަކު މަންމަ އަޅުގަނޑަށް އެއްޗެތި ކިޔައި ގޯސްކޮށް އުޅޭކަމަށްބުނެ ގެއިން ނެރެލީއެވެ. ދެން އަޅުގަނޑަށް ޖެހުނީ ބައްޕަ ވިލިގިލީގައި ކުއްޔަށް ހިފައިގެން އުޅޭތަނަށް ދިރިއުޅުން ބަދަލުކުރާށެވެ. ބައްޕަ އަޅުގަނޑު ދެކެ ކިތަންމެ ރުޅި އަޔަސް ދޮންމަންމަގެ ރަނގަޅުކަމުން އަޅުގަނޑަށް އެގޭގައި ހުރެވުނެވެ. އެ މަންމަ ވަރަށް ރަނގަޅެވެ. ނަމަވެސް ބައްޕަ އަޅުގަނޑާއި ދިމާލަށް އެއްޗެތި ކިޔައި އެގެއިންވެސް ނެރެލީއެވެ. އެއަށްފަހު ބައްޕަގެ ރަށަށް އަޅުގަނޑު ފޮނުވާލިއެވެ. އަޅުގަނޑަކީ އެރަށުގައި ބީރަށްޓެއްސެކެވެ. ދަންނަ މީހަކު ނޫޅެއެވެ. ޢުމުރުން އެހާ ކުޑަކުޑައިރު މައިންބަފައިންނާ ދުރަށް ފޮނުވާލުމުން އަޅުގަނޑުގެ ހިތަށްވެސް އަސަރުކުރާނެއެވެ. ބައްޕަގެ އާއިލާއިން އަޅުގަނޑަށް އަޅާނުލާއިރު އަޅުގަނޑުގެ ދިރިއުޅުން ތިޔަބޭފުޅުން ނިކަން ހިތަށް ތަސައްވަރު ކޮށްލައްވާށެވެ. ކައިފިންތޯ އަހާލާނެ މީހަކު ނުހުރެއެވެ. ލާނެ އަންނައުނު ގަނޑެއްވެސް ލިބެނީ ވަރަށް ހާލުން ބައްޕައަށް އާދޭސް ކޮށްގެންނެވެ.

މިރަށުގައި މިގޮތަށް އުޅުމަށްފަހު އެރަށުން މާލެ އައި ދޯންޏަކަށް އަރައިގެން އެނބުރި މާލެ އައީމެވެ. މާލެއައިސް ދޮންމަންމަގެ ގޭގައި އުޅެފައި ދުވާލުވުމުން މީހުންނަށް މަސައްކަތް ކޮށްދީގެން އުޅެން ފަށައިފީމެވެ. މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ވަރަށް ގާތް ރަށްޓެއްސަކާ ދިމާވިއެވެ. އޭނަގެ އެދުމުގެ މަތިން އޭނައާއެކު އޭނަގެ ގްރޫޕާއި ގުޅިގެން މަސައްކަތް ކުރަން ފެށީމެވެ. އޭރު އުމުރުން 12 އަހަރެވެ. އެހާ ކުޑަކުޑައިރު ގޭގެ މަރާމާތު ކުރުމަށް ވެއްޔާއި ސިމެންތި ފަދަ ތަކެތި އުފުލާ ގްރޫޕަކާއި ގުޅިގެން މަސައްކަތްކުރަން އުޅުމަކީ އަޅުގަނޑުގެ ޅަ ހަށިގަނޑަށް ވަރަށް ބުރަ މަސައްކަތެކެވެ. ނަމަވެސް އަޅުގަނޑުގެ އުންމީދަކީ މުސްތަޤްބަލްގައި ކެރޭ ޤާބިލް މީހަކަށް ވުމެވެ. މައިންބަފައިންގެ ލޯބި ނުލިބުނަސް ނުބައި މަގަކުން ނުދިއުމެވެ. އަދި ހިތުގައި އަޒުމް ވަރުގަދަކޮށް މަސައްކަތް ފެށީމެވެ.

ބުރަ މަސައްކަތްކުރުމުގައި ދުވާލުގެ ބޮޑުބައެއް އަޅުގަނޑު އައީ ވޭތުކުރަމުންނެވެ. މިހެން އުޅުމުގެ ތެރޭގައި ހެޔޮއެދޭ ރައްޓެއްސަކާ ދިމާވިއެވެ. އަދި އޭނަގެ އެދުމުގެ މަތިން އޭނައާ ގުޅިގެން ވަކިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅުން އެކޮޓަރިއަށް ބަދަލުކޮށްލީމެވެ. އެކޮޓަރިއަށް ބަދަލުވާން ގެއިން ނިކުމެގެންދިޔަކަން ދޮންމަންމައަށް އެނގެއެވެ. ނަމަވެސް ބައްޕަގެ ނުފޫޒުގަދަކަމުން ދޮންމަންމައަކަށްވެސް އަޅުގަނޑު ގެއިން ނިކުތުމާމެދު ދެކޮޅެއް ހަދާކަށް ނުކެރުނެވެ. އަޅުގަނޑު ގެއިން ނިކުތުމުންވެސް އަޅުގަނޑު އުޅޭތަނެއް އަދި ކޮބައިތޯވެސް އަޅުގަނޑުގެ މައިންބަފައިން ބަލާވެސް ނުލައެވެ. އެމީހުންނަށް އަޅުގަނޑު ނެތަސް ވަރިހަމައެވެ. ނަމަވެސް މައިންބަފައިން އަޅުގަނޑުދެކެ ނަފުރަތު ކުރިޔަސް އަޅުގަނޑު އެ މައިންބަފައިން ދެކެ އިންތިހާއަށް ލޯބިވަމެވެ. ވާނަމެވެ. އެހެންނަމަވެސް މައިންބަފައިންގެ ގެއަށް އެމީހުން ނޭދޭ ހނިދެއްގައި ދިއުމަކީ އަޅުގަނޑަކަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

ދުވަސްތައް މާޒީވެދެއެވެ. މިގޮތުގައި މީސްމީހުންނަށް މަސަައްކަތް ކޮށްދީގެން ލާރި ހޯދައިގެން ދިރިއުޅެމުން ދިޔައީމެވެ. މިހެން އުޅެމުންދަނިކޮށް އަޅުގަނޑުގެ ޢުމުރުން 18 އަހަރުގައި ސަރުކާރުން އަޅުގަނޑަށް ވަޒީފާއެއް ލިބުނެވެ. އަޅުގަނޑުފަދަ ނުކިޔަވާ ކުއްޖަކަށް މިފަދަ ވަޒީފާއެއް ލިބުމުން އަޅުގަނޑު ވަރަށް އުފާކުރީމެވެ. ހިތުން ރުހުމުން އެވަޒީފާއަށް ނިކުންނަން ފަށައިފީމެވެ. މިވަޒީފާގައި އުޅެން ފެށުމުން މައިންބަފައިންނަށް އަނެއްކާވެސް އަޅުގަނޑު ފެނުނެވެ. އަޅުގަނޑުގެ ފޯނު ނަމްބަރު ހޯދައިގެން އަޅުގަނޑަށް ފޯނުކޮށް ހާލު ބަލަން ފެށިއެވެ. އެވަގުތުން ފެށިގެން އަޅުގަނޑަށް ލިބޭ ފައިސާއިން މައިންބަފައިންނަށްވެސް އެހީވާން ފަށައިފީމެވެ.

ނަމަވެސް އެވަޒީފާގައި އަހަރެއްހާ ދުވަހު އުޅުމަށްފަހު މިހާރު އަޅުގަނޑު މިހުރީ ބޮޑު ކުންފުންޏެއްގެ ޓެކްނީޝަނެއްގެ މަޤާމްގައެވެ. މިއަދު އެ މައިންބަފައިންނަށްވެސް އަޅުގަނޑު ފެނިއްޖެއެވެ. ދަރިއެއްކަން އެނގިއްޖެއެވެ. ނަމަވެސް އަޅުގަނޑު އުޅުނު ބިކަހާލެއް އެ މައިންބަފައިންނަކަށް ނޭނގުނެވެ. އެހެންނަމަވެސް އަޅުގަނޑަކަށް މައިންބަފައިން ނުގެއްލެއެވެ. ހިތުގައި އަބަދުވެސް މައިންބަފައިންނަށް އޮންނަ ލޯބި އާވެއާވެ ހުރެއެވެ. މިއީ އަޅުގަނޑުގެ ހަޔާތުގެ ވާހަކައެވެ. މިއަދު ބޭނުންވަނީ ތެދުވެރި ވަފާތެރި ބައިވެރިއަކު ލިބުމެވެ. އުފާވެރި ދިިރިއުޅުމެއް ހޯދުމުގެ އަޒުމްގައެވެ. ނަމަވެސް މިހާރު މިއުޅޭގޮތަށް އަމިއްލަ ދިރިއުޅުމެއްގައެވެ. މައިންބަފައިންނާ ވަކިންނެވެ. (ނިމުނީ)

***

މައިން ބަފައިންގެ ލޯބިން މަހްރޫމްވެ މުޖުތަމަޢުގައި އުޅޭ މިފަދަ ކުދިންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. ކުދިންނޭވެ. މައިންބަފައިންގެ ލޯބި ނުލިބުނަސް ތިމާގެ ހިތުގައި އެލޯބި އަބަދުވެސް އޮންނަން ޖެހެއެވެ. އަދި މައިންބަފައިންގެ އަޅާލުން ނުލިބުނޭކިޔާފައި މުޖުތަމަޢުގެ ތެރެއަށް ނިކުމެ ވިޔާނުދާގޮތަށް އުޅުމަކީ ތިމާ އަމިއްލައަށް ތިމާގެ ދިރިއުޅުމަށް ފައިން އެރުންފަދަ ކަމެކެވެ. މީގެ ބަދަލުގައި ތިމާގެ ހިތުގެ އަޤީދާ ވަރުގަދަކޮށް މުސްތަޤްބަލްގައި ތިމާއަކީވެސް މައިންބަފައިންގެ ލޯބި ލިބޭނެ މީހަކަށް ވުމަށްޓަކައި ކެރިގެން ކުރިމަތިލާށެވެ. ގޯސް މަގަކުން ދިއުމުގެ ބަދަލުގައި ރަނގަޅުގޮތް އިހްތިޔާރު ކުރާށެވެ. އޭރުން ﷲ އިރާދަފުޅުން ތިބާއަށް ކާމިޔާބު ލިބޭނެކަން ކަށަވަރެވެ.