ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމްކޮށް ނިމިފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހިޔާ ފްލެޓުތަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތް އެ ކުންފުނިން ނިންމާލާފައިވަނީ ނިންމަން ތާވަލްކޮށްފައިވާ މުއްދަތުގެ ކުރިން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިޔާ މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ، 7،000 ހައުސިން ޔުނިޓަށް ފެނާ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ، 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވޯކާއި، 3.5 ކިލޯމީޓަރުގެ ދިރު ނަރުދަމާގެ މައި ނެޓްވޯކް އަދި 200 މީޓަރުގެ ދިގު ޕަމްޕިން ލައިނެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން 7،000 ހައުސިން ޔުނިޓު ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަމްޕިން ސްޓޭޝަނެއް ބަހައްޓައި، 16 ޓަވަރަށްވެސް ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، ހައުސިން ޔުނިޓުތަކުގައި ބަހައްޓަންޖެހޭ ފެންމީޓަރުތައްވެސް ބަހައްޓައިދީފައިވާކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މިމަޝްރޫއުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްގީކުރެވިފައިވާ 7،000 ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެނާއި، ރައްކާތެރި ނަރުދަމާގެ ނިޒާމު ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިމި މިހާރު ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.

އެހެންނަމަވެސް މި ލިސްޓާ ގުޅޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން ހުރިއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި، މިކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.