ދުނިޔޭގެ އެންމެ ފޯރިގަދަ އަދި އެންމެ ގިނަބައެއް ޝައުގުވެރިިވާ ކްލަބް ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ކުރިމަތިލުން ނުވަތަ ރައުންޑް އޮފް 16 ގެ ކުޅުން މިރޭ ފަށާއިރު، މިމެޗުތައް ވެގެންދާނީ ފޯރިގަދަ، ސަޕޯޓަރުން ބަލާހިތްވެގެންދާނެ މެޗުތަކަކަށެވެ.

އެގޮތުން މިރޭ މިބުރުގެ ކުޅުން ފެށޭއިރު މިރޭގެ މެޗުތަކުގައި ކުޅޭނީ ސްޕެއިންގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބައްދަލުކުރާ މެޗާއި ފާއިތުވީ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު އާރްބީ ލިޕްޒިގާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. ގިނަ ބަޔަކު އިންތިޒާރުކުރާނޭ މިދެމެޗުވެސް ފަށާނީ މިރޭ 01:00 ގައެވެ.

2017 ވަނަ އަހަރު މިދެޓީމު ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގޯލް.ކޮމް

ޕީއެސްޖީ އާއި ބާސާ ކުޅޭ މެޗަށް ބަލާލާއިރު، ޕީއެސްޖީ ޓީމުން މެޗާއި ކުރިމަތިލާނީ އަނިޔާގައި ހުރި އެޓީމުގެ އިތުބާރު ފޯވާޑް، ނޭމާގެ އިތުރުން އެހެން ބައެއް މުހިންމު ކުޅުންތެރިންނާއި ނުލައެވެ. ހަމަ ގައިމުވެސް ޕީއެސްޖީ ޓީމާއި ދެކޮޅަށް ކޮންމެ ޓީމެއް ނުކުތްކަމުގައި ވީނަމަވެސް އެޓީމަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކަށް ވެގެންދާނީ ނޭމާއަށް ނުކުޅެވުމެވެ.

ނޭމާއަށް އަނިޔާވި މެޗުގެ ތެރެއިން- ފޮޓޯ:- ދި އިންޑެޕެންޓެންޓް

މީގެއިތުރުން ބާސާގެ ސްކޮޑަށް ބަލާލާއިރު އެޓީމުގެ އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އަނިޔާއިން ރަނގަޅުވެ މެޗުން ފެނިގެންދާނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް ސްޕެއިންގެ ބައެއް ކުޅިވަރު މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީވެސް ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރެ މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްފައިވުން ވެގެންދާނީ ބާސާގެ ކޯޗަށްވެސް އަދި އެޓީމަށް ސަޕޯޓްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.

ޗެމްޕިއަންސް ލިގުގައި ލިޕްޒިގާއި އިސްތާންބުލް ބަޝަކްޝަހިރް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ޑީޑަބްލިއު

މިރޭގެ ދެވަނަ މެޗުގައި ލިވަޕޫލް އިން ލިޕްޒިގާއި ދެކޮޅަށް ނުކުންނައިރު މިވަގުތު ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ ކުލަބުތަކުގެ ތެރެއިން އެންމެ ނިކަމެތި ހާލުގައި އޮތް ލިވަޕޫލް އަށް އަދިވެސް އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުރިމަތިވެފައިވާއިރު އިނގިރޭސި ލީގުގެ ޕޮއިންޓު ތާވަލުގައިވެސް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ހަވަނައިގައެވެ. ހާއްސަގޮތެއްގައި އެޓީމުގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ ކަމުގައިވާ ކެޕްޓަން ވާޖިލް ވެންޑައިކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ލިބުނު ބޮޑު އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހުނު ހިސާބުން އެޓީމުގެ ފަހަތް ފެނިގެންދަނީ ވަރަށް ބަލިކަށިކޮށެވެ.

ވެންޑައިކަށް އަނިޔާވި މެޗުގެ ތެރެއިން- ފޮޓޯ:- ދި އެތްލެޓިކް

ކޮންމެއަކަސް މިރޭގެ ފޭވަރިޓް މެޗެއްގެ ގޮތުގައި ފެނިގެންދާނީ ޕީއެސްޖީއާއި ބާސާގެ ކުރިމަތިލުމެވެ. ހާއްސަގޮތެއްގައި 2016/2017 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ހަމަ މިރައުންޑުގެ ކުރިމަތިލުމުގެ ނަތީޖާ އަކީ ޕީއެސްޖީގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ނަތީޖާއެކެވެ. އެފަހަރުގެ މުބާރާތުގެ ރައުންޑް އޮފް 16 ގައި މިދެޓީމު ވާދަކުރިއިރު ފުރަތަމަ ލެގުގައި 0-4 އިން ޕީއެސްޖީ މޮޅުވިއިރު ދެވަނަ ލެގުގައި ތަފާތު މޮޅުކުޅުމެއްދައްކާ ބާސާއިން ވަނީ 1-6 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށް އެޓީމު މުބާރާތުން ކަޓުވާލާފައެވެ.

ދެން މިބުރުގައި ފެނިގެންދާނީ މާދަމާ ރޭ ދަންވަރު ސެވިޔާ އާއި ޑޯޓްމަންޑް ބައްދަލުކުރާ މެޗާއި ޕޯޓޯ އާއި ޔުވެންޓަސްގެ ކުރިމަތިލުމެވެ. އަދި މިމަހުގެ ޗެލްސީއާއި އެތްލެޓިކޯ ވާދަކުރާއިރު ލާޒިއޯ އާއި ދެކޮޅަށް އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ނުކުންނާނެއެވެ. އަދި ފުރަތަމަ ލެގުގެ ފަހު މެޗުތަކުގައި މިމަހު 25 ވަނަ ދުވަހު ފެނިގެންދާނީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ އެޓަލާންޓާ ބައްދަލުކުރާ މެޗާއި މެންޗަސްޓަރ ސިޓީ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކްގެ ކުރިމަތިލުން ފެނިގެންދާނެ މެޗެވެ.

މިބުރުގެ ދެވަނަ ލެގުގެ މެޗުތައް ފަށާނީ މާޗު މަުގެ 10 ވަނަ ދުވަހުއެވެ.