ޣައްޒާއަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އުދުވާނީ އިސްރާއީލުން ހުރަސް އަޅަމުންދާ ކަމަށް ބުނެ ފަލަސްތީނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވާއިރު، ޣައްޒާގެ ރައްޔިތުންނާ ހަމައަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ނުދެއެވެ.
ފަލަސްތީނު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ރަޝިޔާގައި އުފައްދާފައިވާ ސްޕުޓްނިކް-5 ވެކްސިންގެ 2،000 ޑޯޒް ހޯމަދުވަހު ޣައްޒާއަށް ފޮނުވަން ފަލަސްތީނު ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ.
ނަމަވެސް، ހުޅަނގު އައްސޭރީގެ ޗެކްޕޮއިންޓަކުން އިސްރާއީލު ސިފައިން ވެކްސިންގެ ޝިޕްމަންޓް ހުއްޓުވާފައިވާ ކަމަށާއި، އަދި އެ ވެކްސިން "ޣައްޒާއަށް ގެންދިއުމުގެ ހުއްދަ ނެތްކަމަށް" އަންގާފައިވާ ކަމަށެވެ.
އިސްރާއީލުގެ ސެކިއުރިޓީ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ފަހުން ބުނެފައިވަނީ، 2،000 ޑޯޒްގެ ވެކްސިން ޣައްޒާއަށް ފޮނުވަން ފަލަސްތީނިއަން އޮތޯރިޓީން އެދުނު އެދުން ބަލަމުންދާ ކަމަށާއި، އެކަމަށް އަދި ހުއްދަ ލިބިފައި ނެތް ކަމަށެވެ.
ފަލަސްތީނު ސަރުކާރުން ފޮނުވި ކޮވިޑް ވެކްސިންގެ ޝިޕްމަންޓް ޣައްޒާއަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ޒިންމާ އޮންނަނީ އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އަތްމަތީގައެވެ. މި ކައުންސިލް އޮންނަނީ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުގެ ދަށުގައެވެ.
ވެކްސިން ޑޯޒްތައް ހުއްޓުވި މައްސަލާގައި ނަތަންޔާހޫގެ އޮފީހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، ރަޝިޔާއިން ފޮނުވި 10،000 ޑޯޒް ވެކްސިންގެ ޝިޕްމަންޓް ފެބްރުއަރީ 4 ގައި ލިބުމާއެކު، އޭގެތެރެއިން 2،000 ޑޯޒް ޣައްޒާއަށް ފޮނުވުމުގެ ހުއްދައަށް ފަލަސްތީނުން އިސްރާއީލުގެ ދިފާއީ ވުޒާރާގައި އެދުނު ކަމަށެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓަރ މާއި އަލްކައިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޣައްޒާއަށް ފޮނުވި 2،000 ޑޯޒްގެ ވެކްސިންއަކީ، ޣައްޒާގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދޭ އިންޓެންސިވްކެއަރ ޔުނިޓްތަކުގެ މެޑިކަލް ސްޓާފުންނާއި، އިމަޖެންސީ އެހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ސްޓާފުންނަށް ފޮނުވި ވެކްސިން ކަމަށެވެ.
އިސްރާއީލުން ހުރަސްއެޅުމުން، ޣައްޒާއަށް ފޮނުވަން މަސައްކަތްކުރި 2،000 ޑޯޒްގެ ވެކްސިން މިހާރުވަނީ އަނބުރާ ރާމަﷲ އަށް ގެންގޮސްފައެވެ. އެއީ، ވަކި މިންވަރެއްގެ ފިނިމިނުގައި ބަހައްޓަންޖެހޭ އެއްޗަކަށް ވުމުންނެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާ ޖިއޮގްރަފީގޮތުން މުޅިން ވަކިން ދުރުގައި، ދެ ރަށެއްގެގޮތުގައި އޮންނައިރު، އެ ރަށްތައް ވަށައިގެން އޮންނަނީ އިސްތިއުމާރީ އިސްރާއީލު ސިފައިންނެވެ.
އެހެންކަމުން، ހޯމަދުވަހުގެ ހާދިސާއިންވެސް، ފަލަސްތީނު ރައްޔިތުންނަށް ކޮވިޑް ވެކްސިން ލިބުމުގައި ހުރި ގޮންޖެހުންތައް ހާމަވެގެން ހިނގައްޖެކަމަށް މީޑިއާއިން ބުނެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އިސްތިއުމާރުކޮށްގެން އޮތްއިރު، އިސްރާއީލަކީ، ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމުގައި މުޅި ދުނިޔެއިންވެސް އެންމެ ކުރީގައިއޮތް އެއް ގައުމެވެ.
ފަލަސްތީނު ރައްޔިތުންނަށް ވެކްސިން ނުދޭ މައްސަލާގައި އދއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ނުރުހުން އިސްރާއީލަށް އަމާޒުވެފައި ވެއެވެ. އެ ފަރާތްތަކުން ބުނަނީ، ފަލަސްތީނު ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޒިންމާ އެޅިފައިވަނީ އިސްރާއީލުގެ ބޮލުގައިކަމަށެވެ.
އިސްރާއީލުން ބުނަނީ އޮސްލޯ އެއްބަސްވުމުގެ ދަށުން ޣައްޒާއާއި، ހުޅަނގު އައްސޭރީގެ މީހުންނަށް ވެކްސިން ދިނުމަކީ ފަލަސްތީނު ހެލްތު މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.