ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ރޭ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ތަފާތުދައްކާ ބާސާއަތުން ޕީއެސްޖީ މޮޅުކޮށްދީފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބާސާގެ މައްޗަށް ޕީއެސްޖީ ކުރިހޯދީ ފަސޭހަ ކަމާއިއެކު 1-4 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި، އަނިޔާގައި ހުރި ޕީއެސްޖީގެ ކުރިއަށް ކުޅޭ ބްރެޒިލްގެ ތަރި، ނޭމާ އާއި އާޖެންޓީނާގެ އިތުބާރު ފޯވާޑް އެންހެލް ޑި މާރިއާ ކުޅެފައިނުވިނަމަވެސް މެޗު ފެށިގެން މޮޅަށްކުޅެ ނުރައްކާކުރަމުން ދިޔައީ ޕީއެސްޖީ އިންނެވެ. އެހެންނަމަވެސް ބޮޑު ލީޑަކާއިއެކު ދެވަނަ ލެގުގައި މިދެޓީމު ބައްދަލުކުރާ މެޗަށް މި ދެކުޅުންތެރިންވެސް ފިޓުވާނެ ކަމަށް ބޭރުގެ ކުޅިވަރު މީޑިއާއިން ރިޕޯޓް ކުރެއެވެ.

އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގައިވެސް ޕީއެސްޖީ އިން ނުރައްކާތެރި އެތައް ހަމަލާއެއް ބާސާގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވީނަމަވެސް ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ބާސެލޯނާއިންނެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ފްރެންކީ ޑި ޔޮންއަށް ޕީއެސްޖީގެ ކުރްޒާވާ ކުރިފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެހެންނަމަވެސް މިލީޑުގައި ބާސާއަށް މާގިނައިރެއް ނޯވެވުނެވެ. އެގޮތުން ޕީއެސްޖީއިން ވަނީ ކުޅުން ވަރުގަދަކޮށް އޭގެ ފަސްމިނެޓު ފަހުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހަދާ ޕީއެސްޖީ މޮޅުކޮށްދިން ފްރާންސްގެ އިތުބާރު ފޯވާޑް އެމްބާޕޭއެވެ.

އިތުރު ލަނޑެއް މިހާފުގައި ފެނިގެން ނުދިޔަނަމަވެސް ޕީއެސްޖީ އިން ނުރައްކާތެރި ތިން ހަމަލާއެއް ބާސާގެ ގޯލާއިއަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. ދެވަނަ ހާފުގައިވެސް މޮޅަށްކުޅެ ވަރުގަދަކޮށް ފެނުނީ ޕީއެސްޖީއެވެ. އެޓީމުން ފުލުފުލުގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ ދެވަނަހާފުގެ 20 ވަނަ މިނެޓުގައި އެމްބާޕޭ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނެގުމެވެ. މިއީ އެލެސަންދްރޯ ފްލޮރެންޒީ އޭރިއާތެރެއަސް ހުރަސްކޮށްދިން ބޯޅަ ބާސާގެ ޑިފެންސްލައިނަށް ރަނގަޅަށް ދިފާއުނުކުރެވި ހެދުނު ގޯހެއްގެ ފައިދާ ނަގާ، މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕީއެސްޖީއަށް ލީޑުފުޅާކޮށްދިން ލަނޑު އޭގެ ފަސްމިނެޓުފަހުން ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމުގެ ދަށުން އެޓީމަށް ކުޅެމުން އަންނަ މޮއިސް ކީންއެވެ. އަދި ޕީއެސްޖީގެ ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވާން ފަސްމިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް މެޗުގެ މޮޅުކުޅުންތެރިޔާކަން ހޯދި އެމްބާޕޭ އެވެ.

ރޭގެ މެޗުން ޕީއެސްޖީ މޮޅުވިއިރު މީގެކުރިންވެސް މިދެޓީމު ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ކުޅެފައިވެއެވެ. އެފަހަރު ފުރަތަމަ ލެގު ޕީއެސްޖީއިން ކާމިޔާބުކުރީ 0-4 އިންނެވެ. އެހެންނަމަވެސް ދެވަނަ ލެގުގައި ތަފާތުދައްކާ ބާސާއިންވަނީ 1-6 އިން ޕީއެސްޖީ ބަލިކޮށް ކުއާޓާގެ ޖާގައެއް ހޯދާފައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ސެވިއާ އާއި ޑޯޓްމަންޑް ބައްދަލުކުރާއިރު ހަމަ މިރޭ ޔުވެންޓަސް، ޕޯޓޯއާއި ދެކޮޅަށްވެސް ނުކުންނާނެއެވެ.