އެތައް ބަޔަކު ހީކުރިގޮތާއި ހިލާފަށް ލިވަޕޫލް އިން ތަފާތު ދައްކައިފި ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމަސް ފަހުރުވެރިވާ ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ކުރިމަތިލުން ރޭ ފެށިފައިވާއިރު، ލިވަޕޫލް އިން ވަނީ އާރްބީ ލައިޕްޒިގުގެ ދަނޑުގައި އެޓީމުގެ މައްޗަށް 0-2 އިން ކުރިހޯދައިފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކްލޮޕް ބުނީ ޓީމުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ހުރުމުންނާއި، ފްރިމިއަރ ލީގުގެ ނަތީޖާތަކުގެ ސަބަބުން ގިނަ ބަޔަކު އުންމީދުކުރީ ރޭގެ މެޗުގައި ލިވަޕޫލް ބަލިވާނެކަމަށް ކަމަށެވެ. އެހެންނަމަވެސް ކުޅުންތެރިން ދެއްކީ ހައިރާންކުރަނިވި މޮޅުކުޅުމެއް ކަމަށާއި އެކުޅުންތެރިންގެ ކުޅުމަށް ފަހުރުވެރިވާ ކަމަށް ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ޕޮސެޝަން ޕަސެންޓޭޖް ލިވަޕޫލް އިން ޑޮމިނޭޓް ކޮށްފައިވާއިރު ރޭގެ މެޗުގައި މޮޅަށް ކުޅެފައިވަނީވެސް އެޓީމުންނެވެ. އެހެންނަމަވެސް ލައިޕްޒިގުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ލިވަޕޫލް އިންވަނީ މިހާފުގައިވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި މުހަންމަދު ސަލާހުއަށް ލިބުނު ފުރުސަތުތަކާއި ދުރުދުރުން ތިއާގޯ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

މެޗުގައި ލިވަޕޫލް އިން ކާމިޔާބުކުރި ދެލަނޑުވެސް ފެނިގެންގޮސްފައިވަނީ ގާތްގާތުގައި ދެވަނަހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑުނަގައިދިން ލަނޑު 53 ވަނަ މިނެޓުގައި ލިވަޕޫލް އިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލައިޕްޒިގުގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގާ ކާމިޔާބުކޮށްދިނީ ސަލާހް އެވެ.

އަދި އޭގެ ފަސް މިނެޓު ފަހުން ސަޑިއޯ މާނޭ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލައިޕްޒީގުގެ ނޯޑީ މަކިއޭލީ ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ލިވަޕޫލުގެ ދަނޑުގައި އަންނަ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ.