ސަރުކާރަކުން ނުވަތަ ދައުލަތަކުން ލިޔުމެއްދީފިނަމަ އެ ލިޔުމަކަށް އިޚުތިރާމް ކުރަންވާނެ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ ރައްޔިތުންގެ އެންމެ ދަތި އުނދަގޫ ކަމަކަށްވެފައި އޮތީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންނަށް އިތުބާރު ދިނުމަށްޓަކައި ސަރުކާރަކުން ނުވަތަ ދައުލަތަކުން ލިޔުމެއްދީފިނަމަ އެ ލިޔުމަކަށް އިޚުތިރާމް ކުރަންވާނެ ކަމަށާއި އެކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ގުޅީފަޅުން ބޯހިޔާވަހިކަން ލިބޭނެކަމުގެ ލިޔުންލިބުމުން އެކަމަށް ފައިސާ ޚަރަދުކުރި ކަމަށާއި އެހެންނަމަވެސް އެކަންވެސް ނިމިގެންދިޔައީ ވީނުވީއެއްނޭގި ކަމަށް ޢާޒިމް ވިދާޅުވިއެވެ.
ހަމައެ އަހަރު މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ރައްޔިތުންނަށް މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ލިބޭނެ ކަމަށްވެފައިވާ ވައުދުގެ ބޮޑު ބައެއްވަނީ ހަމަޖައްސާފައި ކަމަށާއި ނަމަވެސް އެއީވެސް ދައުލަތުންދީފައިވާ ލިޔުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މެމްބަރު އަލީ އާޒިމްގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ ހައުސިން ޔުނިޓަށް އެދި 23 ހާސް މީހުން ކުރިމަތިލި ކަމަށާއި ނަމަވެސް ސައްޚަ ގޮތުގައި ފޯމު ފުރާފަވަނީ 19 ހާސް މީހުން ކަމަށެވެ.
އޭގެތެރެއިން 50 އިންސައްތައިން މަތިން ޕޮއިންޓް ލިބިފައިވާ މީހުންވެސް އެބަތިބިކަމަށާއި ނަމަވެސް ފަހުން ފައިނަލް ލިސްޓް ހެދިއިރު ކުރިން ފްލެޓް ލިބިފަ ހުރި ބައެއް ފަރާތްތަކަށް ފްލެޓް ލިބިފައި ނުވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
50 ޕޮއިންޓަށް ވުރެ، މަދުން މާކްސް ލިބުނު ސިވިލްސާވިސް މުވައްޒަފުންނަށް ފްލެޓް ނުދޭން ނިންމާފައިވާކަންވެސް މިނިސްޓަރ އަސްލަމްގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.