އޭޝިއަން ފުޓްފޯލް ކޮންފެޑަރޭޝަންގެ ކޮންގްރެސްގެ އިންތިހާބުގައި ރާއްޖެއިން ވާދަކުރެއްވި މަރްޔަމް މުހައްމަދު (މާޔަން) އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުރަސް އެޅިކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެމައްސަލަ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ބައްލަވައިދިނުމަށް އެދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ހަތްވަނަ ޖަލްސާ ފެއްޓެވުމުގެ ގޮތުން ރިޔާސަތުން އަންގާ އެންގުން އިއްވަވަމުންނެވެ.
އެފްއޭއެމްގެ ފަރާތުން މާއިން ކުރިމަތިލެއްވީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑިއަށާއި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ މަގާމަށެވެ. އެހެންނަމަވެސް މާޔަން އެއްވެސް މަގާމަކަށް އިންތިހާބުވެފައި ނުވާއިރު މާޔަން ވަނީ އެފްއޭއެމްގެ އިސްވެރިން އިންތިޚާބުގައި އޭނާ އެމަގާމަށް އިންތިހާބުވުމަށް ހުރަސްއަޅާފައިވާކަމަށް ބުނެފައި ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މާޔަންއަކީ 2004 ވަނަ އަހަރުންފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. މިމޭރުމުން މާޔަން ކަންބޮޑުވުން ފާޅުކޮށްފައިވީނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި ވީސްޕޯޓްސް އަަށްދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވަނީ މާޔަންއަކީ ފީފާ ކައުންސިލަށް އެންމެ ގާބިލު އެކަކު ކަމަށާއި، އަންހެން ފުޓްބޯޅައިގައި އެންމެ ބޮޑު އެއް މޭސްތިރިއަކީ އޭނާ ކަމަށް ވިދާޅުވެފައެވެ. އަދި އޭރު މަގާމަށް މާޔަން އިންތިޚާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށްވެސް ޖަވާޒް ވަނީ ވިދާޅުވެފައެވެ.