ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި ކަމަށް މިދިޔަ ހަފްތާގައި ރިޕޯޓްކުރި ނިސްބަތް، އޭގެ ކުރީ ހަފްތާތަކާ އަޅާބަލާއިރު %16 ދަށްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ހާމަކޮށްފިއެވެ.

ޑަބްލިޔޫއެޗްއޯއިން ހާމަކުރާ އެޕިޑެމިޔޮލޮޖިކަލް ހަފްތާ އަޕްޑޭޓްގައި ބުނެފައިވަނީ، މިދިޔަ ހަފްތާގައި ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 2.7 މިލިއަން މީހުން ކަމަށެވެ.

ހަމަ އެއާއެކު، ކޮވިޑްބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި ކަމަށް ރިޕޯޓްކުރި މީހުންގެ ނިސްބަތްވެސް %10 ދަށްވެފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގައި ބަލީގައި މަރުވެފައިވާ ކަމަށް ޑަބްލިޔޫއެޗްއޯއަށް ރިޕޯޓްކޮށްފައިވަނީ 81،000 މީހުންނެވެ.

ޑަބްލިޔޫއެޗްއޯގެ 6 ރީޖަންގެ ތެރެއިން، އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 5 ރީޖަނުންނެވެ.

ނަމަވެސް 6 ވަނަ ރީޖަން ކަމަށްވާ އީސްޓަން މެޑިޓަރޭނިއަން ސަރަހައްދުންވަނީ، އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު %7 މައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު %20 ދަށްވެފައިވާ ކަމަށް އެފްރިކާއާއި، ވެސްޓަން ޕެސިފިކް ރީޖަނުން ރިޕޯޓްކޮށްފައި ވާއިރު، ޔޫރަޕުން %18، އެމެރިކާ ރީޖަނުން %16، ދެކުނުއިރުމަތީ އޭޝިޔާ ރީޖަނުން %13 ދަށްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށް ޑަބްލިޔޫއެޗްއޯއިން ހާމަކޮށްފައި ވެއެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، މިއީ، ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުނިޔޭގައި ޖެހިޖެހިގެން ދަށަށްދާ ކަމަށް ރިޕޯޓްކުރި 5 ވަނަ ހަފްތާ ކަމަށެވެ.

ޖެނުއަރީ ކުރީކޮޅުގެ ހަފްތާގައި 5 މިލިއަނަށްވުރެ ގިނަމީހުން އަލަށް ޕޮޒިޓިވްވިއިރު، މިހާރު އެ އަދަދު ގާތްގަނޑަށް ދެބައިކުޅަ އެއްބަޔަށް ތިރިވެފައިވާކަން ޑރ. ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ.

"މީގެން ހާމަކޮށްދެނީ، ތަފާތު ވޭރިއެންޓްތައް އުޅުނު ނަމަވެސް، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް އަޅާފައިވާ އާދައިގެ ފިޔަވަޅުތައް މަސައްކަތް ކުރަމުންދާކަން" ޑރ. ޓެޑްރޯސް އަދަނޮމް

ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، އަދަދުތައް ދަށްވި ނަމަވެސް "އަލިފާންގަނޑު އަދި ނުނިވޭ" ކަމަށާއި، ބަލިމަޑުކަން އަދިވެސް އިތުރަށް ކުޑަކުރަންޖެހޭ ކަމަށެވެ.

އެއްވެސް ދިމާއަކުން މަސައްކަތް ހުއްޓާލައިފިނަމަ މިބަލިމަޑުކަން "އުތުރިއަރައިގެން" އެނބުރި އަންނާނެ ކަމަށްވެސް ޑަބްލިޔޫއެޗްއޯގެ ވެރިޔާ އިންޒާރު ކުރައްވާފައި ވެއެވެ.