2020 ވަނަ އަހަރު ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ވަނީ ދޫކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ ހިދުމަތް ދިނުމުގެ ބޭނުމުގައި "ބީއެމްއެލް އިސްލާމިކް'' ތައާރަފްކުރީ 2015 ވަނަ އަހަރުއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ތައާރަފްކުރި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ބަލާލާއިރު، ދިވެހިންގެ މެދުގައި އިސްލާމިކް ފައިނޭންސިންގ ހިދުމަތްތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިސްލާމިކް ގެ އެސެޓާއި ފައިނޭންސަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ބޭންކުގެ ފުޅާ ބްރާންޗު ވިއުގަ އާއި އޭޓީއެމް ޕީއޯއެސް ޓަރމިނަލް ތަކުގެ އިތުރުން އިންޓަރނެޓް ބޭންކިންގ އާއި މޯބައިލް ބޭންކިންގ ޕްލެޓްފޯމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ލިބެމުންދާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދއެވެ.

ބީއެމްއެލް އިސްލާމިކުން ދޫކުރާ ފައިނޭންސިންގެ ޖުމްލައަދަދު ފާއިތުވި 3 އަހަރު ތެރޭގައި އިތުރުވެފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދުވެސް ވެސް ވަނީ އިތުރުވެފައެވެ.

ބީއެމްއެލް އިން ބުނީ 2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

2020 ވަނަ އަހަރު ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ 92 އިންސައްތަ އަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންގ އެވެ. އަދި 4 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވަރކިންގ ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންގއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ވަނީ ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިންގ އަށް 19 އިންސައްތައިގެ ކުރިއެރުމެއްވަނީ ލިބިފައެވެ.

2018 އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އައު ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ތެރެއިން 45 އިންސައްތަ ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުން ކަމަށެވެ.

ބީއެމްއެލް އިން ބުނީ އިސްލާމިކް ފައިނޭންސިންގ މޮޑެލްތަކާ ބެހޭ މައުލޫމާތާއި ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ކަސްޓަމަރުން ހޭލުންތެރިކުރުމަށް ބޭންކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.