ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ރޭ ޔުވެންޓަސްގެ މައްޗަށް ޕޯޓޯއިން ކުރިހޯދި މެޗުގައި ޕޯޓޯއިން ޖެހި ފުރަތަމަ ލަނޑަކީ ޔުވެންޓަސްގެ ކުޅުންތެރިން ތަބަކަކަށް ލާފައި ވެދުމަށް އެރުވި ލަނޑެއް ކަމަށް ޔުވެންޓަސްގެ ކޯޗް، އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު 1-2 އިން މޮޅުވެފައިވާއިރު މިއީ ޔޫރަޕުގެ ބޮޑު މުބާރާތެއްގައި ޕޯޓޯ އަތުން ޔުވެންޓަސް ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ ވަރަށްކުރީކޮޅު، ޔުވެންޓަސްގެ ކުޅުންތެރިންނަށް ރަނގަޅަށް މެޗުތެރެއަށް ނުވަދެވި އުޅެނިކޮށް ޕޯޓޯ އިންވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލީޑުނަގާފައެވެ. މިލަނޑަކީ ޔުވެންޓަސްގެ ޑިފެންޑަރު ރޮޑްރިގޯ އޭރިއާތެރެއިން ކީޕަރަށް ޖައްސާލި ބޯޅަ، ކީޕަރާއި ހަމައަށް ނުފޯރައިގެން އުޅެނިކޮށް މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މެހްދީ ޓަރޭމީ ހުރަސް އަޅާ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ލަނޑަށްފަހުގައި މިހާފުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް އުފައްދަންަ މަސައްކަތް ކޮށްފައިވީނަމަވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައިވެސް އަނެއްކާވެސް ޔުވެންޓަސް ކުޅުންތެރިންނަށް ރަނގަޅަށް ކުޅެނުގަނެވިގެން އުޅެނިކޮށް ޕޯޓޯ އިންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑުފުޅާކޮށްފައެވެ. މެޗުނިމުމުގެ ކުރިން ޔުވެންޓަސްއަށް "ސުން" ކަޓުވާލަދިން ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެޑެރިކޯ ކިއޭސާއެވެ.

މިބުރުގެ ދެވަނަ ލެގުގައި ޔުވެންޓަސްގެ ދަނޑުގައި މިދެޓީމު ނުކުންނާނީ އަންނަމަހުގެ 10 ވަނަ ދުވަހުއެވެ.