ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ރޭ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހެދި ރެކޯޑާއިއެކު ޑޯޓްމަންޑް އިން ސެވިއާގެ މައްޗަށް ކުރިހޯދައިފިއެވެ.

ރޭގެ މެޗު 2-3 އިން ޑޯޓްމަންޑް ކާމިޔާބުކުރިއިރު ހާލަންޑް ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ހާލަންޑުގެ ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންްސް ލީގުގައި ކުޅުނު ފުރަތަމަ 13 މެޗުން 17 ލަނޑު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ދާދި ހަމަހަމަ އެހެންނަމަވެސް ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންގޮސްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސެވިއާއިންނެވެ. އެގޮތުން މެޗުގެ ވަރަށްކުރީކޮޅު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ސޫސޯ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރުހަމަލާ އޭރިއާ ތެރޭގައިހުރި ޑޯޓްމަންޑުގެ ޑިފެންޑަރު މެޓްސް ހަމެލްސްގެ ފައިގާ ޖެހިފައި ޑިފްލެކްޓް ވެގެންގޮސް ގޯލްގެ ތެރެއަށް ވަތް ލަނޑެކެވެ.

ސެވިއާގެ މިލަނޑަށްފަހު ޑޯޓްމަންޑް ކުޅުންތެރިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން 19 ވަނަ މިނެޓުގައި މަހްމޫދް ދާއޫދުވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މިހާފު ނިމުމުގެ ކުރިން ހާލަންޑް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށް އެޓީމަށް މެޗު ކާމިޔާބުކޮށްދީފައެވެ. އެގޮތުން ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯގެ އެހީތެރިކަމާއިއެކު ހާލަންޑް ކާމިޔާބުކުރިއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ސެވިއާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވިއިރު، ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ޑޯޓްމުންޑުގެ ދަނޑުގައި އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ.