"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

**

(11 ފެބްރުއަރީ 2021 އާ ގުޅޭ)

ތުނޑިއަށް ދެވުމާއެކު މަޑުފަސްގަނޑު މަތީގައި ހޭޅިފަށުގައި ހިޔާދޭ ހިސާބެއްގައި ހަލީމަ އިށީނދެލައިފިއެވެ. މަދުމަދުން ތުނޑީގެ އެކި ހިސާބުގައި މީހުން ތިއްބެވެ. ހައެއްކަ ކުޑަކުދިން ބޯޅަ ކުޅެންވެސް ތިއްބެވެ. ކޮރަކަލި ބޭނުމަށްޓަކައި ބައެއް މީހުން ތިއްބެވެ.

މިއަދަކީ އުޑުމަތި ސާފު ފިނި ވައިޖެހޭ ދުވަހެކެވެ. އިސްޖަހައިލައިގެން ބިންމަތީގައި ދޮންފަހާ ކުޅެލަކުޅެލަ އިންދާ ހަލީމައާ ދިމާއަށް މީހަކު އަންނަކަމުގެ އިހުސާސްވާން ފެށުމުން މަޑުމަޑުން އިސް އުފުލައިލިއެވެ. ފުރަތަމަ ފެނުނީ ދޮއްޓެއްގެ ހިޔަންޏެވެ. އަދި ކުޑަކޮށް އިސް އުފުލައިލުމުން ފާސްކުރި ހެދުމެއްގެ ފަސްބަޔާއެކު ހުސްފަޔާ ހުރި މީހެއްގެ ފައިތިލަ ފެނުނެވެ. އަންހެނެއްކަން ޔަގީން ވުމުން އިސް އުފުލައި ބަލައިލިއެވެ.

އަދި ކުޑަކޮށް ސިހޭގޮތްވެ ހައިރާން ވިއެވެ. އަދި ހަލީމަ ކުރިން އިންގޮތް ބަދަލު ކޮށްލައި ހެދުމާއި ކަނޑިކި ރީތި ކޮށްލިއެވެ. ދޮށި ހިފައިގެން ހުރީ ޚަދީޖާއެވެ. އަދި ޚަދީޖާގެ ފުރަގަހުގައި މުންޑު ކޮށި ކޮށްލައިގެން މަސް ފައްޗެއް ހިފައިގެން ހުރީ އިބުރާހިމެވެ. ހަލީމަގެ ހާސްކަން އިތުރުވީ އިބުރާހިމު ފެނުމުންނެވެ. ބުނަން ބޭނުންވާ ވާހަކައިގެ ބޮޑުކަމާ އަދި އިބުރާހިމު ހުއްޓާ އެވާހަކަ ބުނަން ނުކެރޭނެތީއެވެ. އެކަމަކު ކުރީ ދުވަހު ކުރި ސުވާލުގެ ޖަވާބު ހޯދުމަށް މިއަދު އިބުރާހިމު ބޭނުން ވާނެކަން ހަލީމައަށް ކަށަވަރުވެއެވެ.

ޚަދީޖާ ވާހަކަދައްކަން ފެށިއެވެ. "އިބުރާހިމާ ތި މަސްފަތި ދުރުގައި ބާއްވާފައި ނިކަން މިތާ އިށީނދެ ބަލަ"

އަނެއްކާވެސް ޚަދީޖާ ވާހަކަ ދައްކަން ފެށިއެވެ. "ކުރީދުވަހު އިބުރާހިމު ކުރި ސުވާލާމެދު ހަލީމަ ވިސްނައިފިން ހެއްޔެވެ؟ އަހަރެންނަށް ފެންނަނީ ތި ދެމީހުން ކައިވެނި ކުރަން. އަދި ރީތި އުފާވެރި ދިރިއުޅުމެއް އުޅެން އަހަރެންނަށް އިބުރާހިމު ވެސް އަދި ހަލީމަވެސް ވަރަށް ރަނގަޅަށް އެނގޭ، އަދި ތިއީ އެކަކު އަނެކަށް ނުހަނު ބޭނުންވާ ލޯބީގެ މާޒީއެއް ވެސް އޮތް ބައެއް.... އަލަކަށް ފޮޅުވާނެ މަލެއް ނޯންނާނެހެން ހީވަނީ،"

މިހެން ހަމަ ބުނާއިރަށް އިބުރާހިމު ގަދަޔަށް ހީނގަންފިއެވެ. މިހުނުމުގައި ހަލީމަވެސް ބައިވެރިވެ ހިނިތުންވެލިއެވެ. މަޑުމަޑުން ތުރުތުރުލާ ގޮތަކަށް އަހަރެންވެސް ތިކަމާ އެއްބަހޭ ޚަދީޖާގެ ކަންފަތް ދޮށުގައި ހަލީމަ ސިއްރުން ބުނެލައިފިއެވެ. އެވަގުތު ފުންމައިގެން ޚަދީޖާ ތެދުވެ އަތްޖަހާފައި ނަށަން ފަށައިފިއެވެ. ހަލީމަ ލަދުން ޚަދީޖާގެ އަތުގައި ހިފާފައި ގަދަކަމުން ބިންމަތީގައި ބޭންދިއެވެ.

އިބުރާހިމަށް ވެގެން އުޅޭގޮތް ނޭނގިގެން ސުވާލުކުރަން ފަށައިފިއެވެ. އެކަކުވެސް ޖަވާބެއް ނުދިނެވެ. ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތުމަށް ފަހު ކުއްލިއަކަށް އެއްފަހަރާ ހަލީމައާއި ޚަދީޖާ ހީނގެންފިއެވެ. މިފަހަރު ހުނުން ހުއްޓޭ ގޮތެއް ނުވިއެވެ. ހެމުންހެމުން ގޮސް ގިސްލެވި ހޭނެތިގެން ހަލީމަ ވެއްޓިއްޖެއެވެ.

ޞިއްޙީ މަރުކަޒުގައި އެދުމަތި ކޮށްފައި އޮތް ހަލީމަގެ ކައިރީގައި ރަށުގައި އެވަގުތު ތިބި ދެދަރިންނާއި އާއިލާގެ މީހުން ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހިތާމައިގެ އަސަރެވެ. އަދިވެސް ހަލީމަ ހޭއަރާ ގޮތެއް ނުވެއެވެ. މިހާރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ޞިއްޙީ މަރުކަޒުގެ ޑޮކްޓަރު ލަފާދެއްވީ ވީހާ އަވަހަކަށް ދިއްދޫގައި ހުންނަ އަތޮޅު ހަސްފަތާލަށް ގެންދިއުމަށެވެ. އޮފީސް ދަތުރެއްގައި ށަވިޔަނި އަތޮޅުގައި ހުރި ހަލީމާގެ ދަރިފުޅު މުހަންމަދު ރަޝީދު ވެސް އިހަވަންދުއަށް އައުމުގެ ދަތުރު ފަށައިފިއެވެ. މުހަންމަދު ރަޝީދު އައުމުން ހަލީމަ ދިއްދޫ ހަސްފަތާލަށް ގެންދިއުމަށްޓަކައި މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

އަނެއްދުވަހަށް އިރު އެރިއިރު ހަލީމަ ހޭ އަރައިފިއެވެ. އެކަމަކު އެއްފަޅި ވަނީ ވާގި ނެތިފައެވެ. އިތުރު ފަރުވާ ދިނުމަށްޓަކައި ސްރީލަންކާއަށް ގެންދިޔުމަށް ނިންމައިފިއެވެ. މިދަތުރުގައި އެހީތެރިންގެ ތެރޭގައި ޚަދީޖާވެސް ގެންދިއުމަށް ހަލީމަ އެދުނެވެ. ހަލީމަގެ އެދުމާ އޭނާގެ ކުދިން ދެކޮޅެއް ނުހަދައެވެ. ބޭނުންވީ މަންމަ ހިތްހަމަ ޖެހޭގޮތަށް ހުރިހާ ކަމެއްވެސް ކޮށްދިނުމަށެވެ. ހަލީމަގެ ހަގު އަންހެން ދަރިފުޅާ ދެ ފިރިހެން ކުދިންނާއެކު ސްރީލަންކާއަށް ފުރައިފިއެވެ.

އެއްމަސް ދުވަހު ސްރީލަންކާގައި ތިބެ ބޭސްފަރުވާ ކޮށްގެން މިއަދު މީ އެނބުރި ރަށަށް އާދެވޭ ދުވަހެވެ. ރަށުގެ އަތިރި މަތީގައި ހަލީމަގެ އާއިލާ މީހުންގެ އިތުރުން ރައްޓެހިންނާ ގާތް މީހުން ހަލީމަގެ އިންތިޒާރުގައި ތިއްބެވެ.

އިބުރާހިމު ވެސް ވަރުގެކޮޅަށް ނަލަ ހެދިގެން ހަލީމަގެ އިންތިޒާރުގައި މީހުނާ ތަންކޮޅެއް އެކަހެރިކޮށް، އެހެލާފައި އޮތް ލޯންޗެއްގެ މަތިކަންމަތީގައި އިށީނދެލައިގެން އިނެވެ. ހަލީމަ ނުފެނި ގިނަ ދުވަސްވުމާ އަދި ހަލީމަގެ ހާލަތުވެސް މާބޮޑަށް ސާފު ނުވާތީ އިބްރާހިމު ހުރީ ރަނގަޅަށް ނުކައި އުޅުމުގެ ސަބަބުން ހިކޭގޮތް ވެފައެވެ. ހަލީމަމެން އަންނަ ލޯންޗް ރަށާ ގާތްވަމުން އައިއިރު އެންމެ ބޮޑަށް ހިތުގައި ވިންދުޖަހާ މީހަކީ އިބުރާހިމެވެ.

ފާލަމަށް ހަލީމަ ފޭބީ މީހުންގެ އެހީތެރިކަމާ އެކުގައެވެ. އަތުގައި އަސައެއް އޮތެވެ. ފާލަމުގައި ތިބި މީހުން ސަލާން ގަލާންކޮށް އަވަދި ވީއިރުވެސް އިބުރާހިމު އިންތަނުން ގުޑައިވެސް ނުލައެވެ. ފާލަމުން ފައިބަމުން ހަލީމަ ދެކޮޅު ހޯދައި ވަރަށް ރަނގަޅަށް ބަލައިލިއެވެ. ހީވަނީ ކޮންމެވެސް މީހަކު ނުފެނިގެން އުޅޭ ހެނެވެ. ނުވަތަ ގިނަ ދުވަސްކޮށްފައި ރަށަށް އާދެވުމުން ބަލައިލީ ހެންނެވެ.

ހިޔާ ބޮޑު ގަހެއްގެ ދޮށުގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ގެއަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. އިބުރާހިމު ކަޅިޖަހާ ނުލައި ހަލީމައާ ދިމާއަށް ބަލަން އިނެވެ. މިކަން ކޮންމެވެސް މީހަކަށް ފާހަގަ ވެއްޖެކަން އިބުރާހިމަށް ރޭކާލީ އެމީހަކު އިބުރާހިމުގެ ކައިރިއަށް ހުއްޓި ކަރު ކެހެލުމުންނެވެ. އަދި ސިއްސައިގެން ގޮސް އެމީހަކާ ދިމާއަށް ބަލައިލިއެވެ.

"ނޫނޭވާ ވަރެއްވެފައި ތިހުރީ ދެލޯބޮޑުވެ އަނގަ ހުޅުވި ކުޅުދިޔާވެފަ....... ތަންފުކެއް ބޮޑުވަރު އިބުރާހިމަކަށް ހަލީމާ އަދި ނުގެއްލެއޭ..... އޭނާ ހުރީ ރުހި ޤަބޫލުވެގެން" ޚަދީޖާ މިހެން ބުނެފައި މަޑުނުވެ ހިނގައި ގަނެފިއެވެ. އިބުރާހިމު ގޮވައިލުމުން އިހުނަށް ވުރެ ހަރުކޮށް ހިނގައި ގެންފިއެވެ.

ހުޅަނގުގެ ވިއްސާރަ، ގަދަ ކޮޅިގަނޑަކާއެކު އެދުވަހު ހަވީރު އިހަންވަންދޫ ލައްވާލައިފިއެވެ. ރަށުގައި ފެންބޮޑުވެ ބައެއް ރުއްގަސް ވެއްޓި ބައެއް ގޭގެއަށް ވެސް ގެއްލުންވިއެވެ. އިބުރާހިމު ގޭގެ ދޮރުމަތީގައި ހުރި ބަނބުކެޔޮ ގަހެއްގެ ގޮފި ގަނޑެއްވެއްޓުމުގެ ސަބަބުން ގޭގެ ބަދިގޭގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. މިހާދިސާގައި އިބުރާހިމަށް ވެސް އަނިޔާ ވިއެވެ. އަތްބިންދައިގެން ގޮސް ބޯފަޅައިގެން ދިއުމުގެ ސަބަބުން ހަސްފަތާލުގައި އެނދުމަތި ކޮށްފިއެވެ. ހަފުތާއެއް ވަންދެން ދިއްދޫ ހަސްފަތާލުގައި އޮތުމަށް ފަހު ރަށަށް އާދެވިއްޖެއެވެ. ހަސްފަތާލުގައި އޮތްއިރު ކޮންމެ ދުވަހަކު އިބުރާހިމުގެ ހާލު ބެލުމަށް ހަލީމަ ފޯނުން ގުޅައެވެ. މިކަމުގެ ސަބަބުން އިބުރާހިމުގެ ބައްޔަށްވެސް އަވަސް ފަރުވާއަކަށް ވިއެވެ.

ރަށަށް ގެނައި ކަމުގައިވިޔަސް ރަށުގެ ޞިއްޙީ މަރުކަޒުގައި އެނދުމަތި ކޮށްފައި ހަފުތާއެއް ވަންދެން އޮތެވެ. މިދުވަސް ތަކުގައި ހަލީމަ، އިބުރާހިމަށް މީރުވާ ކަހަލަ ކާއެއްޗެހި ހަދާފައި ޚަދީޖާ އަތަށް ދީފައި، ޞިއްޙީ މަރުކަޒަށް ފޮނުވައެވެ. އިބުރާހިމަށް ގޮވާލަން ވެސް ދެ ދުވަހަކު ހަލީމަ ދިޔައެވެ. ކޮންމެ ދުވަހަކު ދާން ހިތުލައެވެ. ނަމަވެސް އިބުރާހިމުގެ އާއިލާ މީހުން ބުނެފާނެ ބަހަކަށްޓަކައި ދާން ނުކެރެނީއެވެ. (ނުނިމޭ)

***

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 10 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.