ފޯމުގައިހުރި މެންޗަސްޓަރ ސިޓީގެ މުހިންމު މިޑްފީލްޑަރ ގުންޑޮގަން އާސެނަލްއާއި ދެކޮޅަށް އެޓީމުން ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ނުކުންނަ މެޗަށް ފިޓުވާނެކަމަށް ސިޓީގެ ކޯޗް، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ކުޅެ 1-3 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. ރޭގައި ކުޅެވުނު މިމެޗަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކުޅެންއޮތް މެޗެއްނަމަވެސް މެޗު ފަސްކުރެވުނީ އޭރު ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ.
ގުންޑަގޮން އަށް އަނިޔާވެފައިވަނީ ހޮނިހިރު ދުވަހު ޓޮޓެންހަމްއާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައެވެ. އެމެޗުގައި ގުންޑަގޮން ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. ގުންޑަގޮންގެ އުކުޅުވަޅަށް އަނިޔާވެފައިވާކަން ގާޑިއޯލާ ހާމަކޮށްފައިވާއިރު ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ގުންޑަގޮންގެ އަނިޔާ މުޅިންހެން ރަނގަޅުވެފައިވާ ކަމަށާއި ރޭގެ މެޗުގައި އޭނާ ބޭނުންނުކުރީ އަރާމުކުރުމަށް ވަގުތުދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާއި ދެކޮޅަށް ކުޅޭ މެޗުގައިވެސް އޭނާ ފެނިގެންދާނެކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފިލް ފޯޑެން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަނެއް ދެލަނޑަކީ ދެވަނަ ހާފުގައި މެޗުގެ 63 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ކާމިޔާބުކޮށްދިން ލަނޑަކާއި 77 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ޖަހައިދިން ލަނޑެކެވެ. އެވަޓަންގެ ހަމައެކަނި ލަނޑު އެޓީމަށް ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.
ރޭގެ މެޗުން މޮޅުވެ ސިޓީ ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމަށް ކުޅުނު 24 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޔުނައިޓެޑަށާއި ތިންވަނައިގައި އޮތް ލެސްޓަރ ސިޓީއަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ތާވަލުގައި ޔުނައިޓެޑަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.