ޔާޝްރާޖް ފިލްމްސްއިން އުފައްދާ ފިލްމު "ޕްރޮތްވީ ރާޖް" އާއި ޝާހިދު ކަޕޫރު މެއިން ލީޑްއިން ފެނިގެންދާ ފިލްމު "ޖާރޒީ" ރިލީޒްކުރާ ދުވަސް ފުށުއަރާފާނެކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް މި ދެފިލްމު ނެރޭނެކަމަށް ބެލެވޭއިރު ދެފިލްމަކީވެސް ބޮޑު ބަޖެޓަކުން އުފައްދާފައިވާ އޭ ލިސްޓް ތަރިން ހިމެނޭ ދެފިލްމެކެވެ.

ބެލެވޭގޮތުގައި ދިވާލީއާ ދިމާކޮށް ރިލީޒްކުރުމަށް ތައްޔާރުވަމުންދާ އެހެން ދެ ފިލްމެއްގެ ވާހަކަވެސްވަނީ ފެންމަތިވެފައެވެ. އެއީ ސަނީ ޑިއޯލް އަދި ބޮލީވުޑްގެ އާއިލީ ފިލްމު "އަޕްނޭ-2" އަދި ބަތަލާ އާލިއާ ބަޓް މެއިން ލީޑްއިން ފެނިގެންދާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަންގްބާއީ ކަތިއާވާޅީ"އެވެ.

މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މިއަހަރުގެ ދިވާލީއާ ދިމާކޮށް ރިލީޒްކުރާނީ ޝާހިދު ކަޕޫރުގެ "ޖާރޒީ" އާއެކު ފިލްމު "އަޕްނޭ-2" ކަމަށެވެ.

އެހެންނަމަވެސް ދާދިފަހުން ޔާޝްރާޖް ފިލްމްސްއިންވަނީ މިއަހަރުގެ ދިވާލީއާއެކު އަހަރުތެރޭ އެފިލްމު ކުންފުނިން ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމުތަކުގެ ދިގު ލިސްޓެއް ނެރެފައެވެ.

އޭގެތެރޭގައި، އެކްޓަރު އަރުޖުން ކަޕޫރުއާއި ބަތަލާ ޕަރިނީތީ ޗޯޕްރާގެ "ސަންދީޕް އޯރ ޕިންކީ ފަރާރް"، އެކްޓަރު ސައިފް އަލީ ޚާންއާއި ބަތަލާ ރާނީ މުކަރުޖީގެ "ބަންޓީ އޯރް ބަބްލީ-2" އަދި އެކްޓަރު ރަންބީރު ކަޕޫރު އާއި ބަތަލާ ވާނީ ކަޕޫރުގެ "ޝަމްޝޭރާ" ހިމެނެއެވެ.

ގިނަ ބަޔަކު އުއްމީދުކުރީ ޔާޝްރާޖްއިން އެންމެ އަވަހަށްވެސް ރިލީޒްކުރާނީ މިވަގުތު އެކުންފުނިން އުފައްދާ އެންމެ ބޮޑު ބަޖެޓް ފިލްމު "ޕަތާން" ކަމަށެވެ.

އެހެންނަމަވެސް "ޕަތާން" ގެ ބަދަލުގައި ވައިއާރްއެފް އިން ނިންމާފައިވަނީ ދިވާލީގައި ފިލްމު "ޕްރިތްވީރާޖް" ރިލީޒްކުރުމަށެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލްކޮށްފައިވާ އިންޑިއާގެ މަނޫޝީ ޗިއްލަރ ބޮލީވުޑަށް ތައާރަފްވާ މިފިލްމަކީ، އިންޑިއާގެ ރާޖަސްތާންއާއި ހަރިޔާނާގެ އިތުރުން ނިއުދިއްލީގައި ރަސްކަން ކޮށްފައިވާ ރަސްކަލެއް ކަމަށްވާ ޕްރިތްވީ ރާޖް-3 ގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. މަނޫޝީ ފިލްމުގައި ފެނިގެންދާނީ ޕްރިތްވީރާޖްގެ އަންހެނުން ސަންޔޮގީތާގެ ރޯލުންނެވެ.

ފިލްމު "ޕްރީތްވީރާޖް" އާއެކު ދެން ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޖާރޒީ" އަކީ 2019 ވަނަ އަހަރު ނެރުނު ތެލުގޫ ފިލްމުގެ ރިމޭކްއެކެވެ.

ޝާހިދު ކަޕޫރު މެއިން ލީޑްއިން ފެނިގެންދާ މިފިލްމުގެ ބަތަލާއަކީ މްރޫނަލް ތާކޫރްއެވެ.

ޝާހިދުއަށް މިފިލްމު އެންމެ ޚާއްސަވާ އެއް ސަބަބަކީ ބައްޕަ އަދި އެކްޓަރު ޕަންކަޖް ކަޕޫރުއާއެކު ފިލްމުގައި މަސައްކަތްކޮށްލަން ފުރުސަތު ލިބުމުންނެވެ.

މިދެފިލްމުވެސް ކުރިން ރީލީޒްކުރުމަށް ހަމަޖެހިފައިވަނީ މިދިޔައަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާހެދި ރިލީޒްކުރެވޭނެގޮތެއް ނުވިއެވެ.

ބެލެވޭގޮތުގައި މިދެފިލްމު އެއްދުވަހެއްގައި ރިލީޒްކޮށްފިނަމަ ސިނަނާތައް ވަރަށް ބޮޑަށް ހަލަބޮލި ވެގެންދާނެއެވެ.