ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭ އަތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އެއްވަރުވުމާއި އެކު ތާވަލުގެ ދެވައިގައި އޮތް ރެއާލް މެޑްރިޑަށާއި ތިންވަނައިގައި އޮތް ބާސެލޯނާ އަށް ތަށި ހޯދުމުގެ އުންމީދު އާވެއްޖެއެވެ.

ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވުމާއިއެކު ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ހަޕޮއިންޓަށް ކުޑަވެފައިވާއިރު ތިންވަނައިގައި އޮތް ބާސާ އާއިދެެމެދު އޮތް ފަރަގުވަނީ ނުވަ ޕޮއިންޓަށް ކުޑަވެފައެވެ. ބާސާ އާއި އެތްލެޓިކޯ މިހާތަނަށް ލީގުގައި 22 މެޗެއް ކުޅެފައިވާއިރު ރެއާލް އިތުރަށް އެއް މެޗުކުޅެފައިވެއެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ލެވާންޓޭ އެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ހޯގޭ ދެ ފްރޫތޯސް ދިން ޕާހަކުން އެނިސް ބާދީ ކާމިޔާބުކޮށްދިން ނަމަވެސް މިހާފު ނިމުމުގެ ކުރިން އެތްލެޓިކޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް ޔޮރެންޓޭއެވެ.

މެޗަށްފަހު ވާހަކަދައްކަމުން އެތްލެޓިކޯގެ ކޯޗް، ޑިއެގޯ ސިމިއޯން ބުނީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، މިއީ ދެއްކި ކުޅުމާ ބަލާފައި އެންމެ ހައްގު ނަތީޖާކަމަށެވެ. އަދި މެޗުގައި ލެވާންޓޭގެ ކުޅުންތެެރިން ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށާއި، ނަތީޖާ ހަމަހަމަކުރަން ދެއްކީ ވަރަށް ވަރުގަދަ މޮޅު ކުޅުމެއް ކަމަށެވެ. އަދި އެތްލެޓިކޯއަށް މެޗުން މޮޅުވާނެ ދެ ފުރުސަތެއް ލިބި ބޭކާރުވިކަންވެސް ސިމިއޯން ވަނީ ފާހަގަކޮށްފައެވެ.

މިނަތީޖާއާއިއެކު އެއްވަނައިގައި އޮތް އެތްލެޓިކޯއަށް ލިބެނީ 22 މެޗުން 55 ޕޮއިންޓެވެ. ދެވަނައިގައި އެއްމެޗު ގިނައިން ކުޅެ 49 ޕޮއިންޓާއިއެކު އޮތީ ރެއާލް މެޑްރިޑެވެ. ތިންވަނައިގައި ބާސާ އޮތީ 22 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. އަދި ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ލެވާންޓޭ އޮތީ 11 ވަނައިގައި 28 ޕޮއިންޓާއި އެކުއެވެ.