ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރިމެޗުތައް ޗައިނާގައި ކުޅުމަށް އެގައުމުން ހުށަހަޅައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މީގެކުރިން ދެފަހަރެއްގެ މަތިން މިމެޗުތައް އޭއެފްސީއިން ވަނީ ފަސްކޮށްފައެވެ. މިހާރު މާޗު މަހާއި ޖޫންމަހަށް މެޗުތައް ތާވަލުކުރެވިފައިވާއިރު މީގެކުރިން އޭއެފްސީ އިން ނިންމީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު މެޗުތައް ކުޅުމަށެވެ.

ޗައިނާއިން ސެންޓްރަލައިޒްކޮށްގެން އެއް ދަނޑެއްގައި މިގުރޫޕުގެ ބާކީހުރި މެޗުތައް ކުޅެން ބޭނުންވާއިރު، އަމިއްލަ ދަނޑުގައި ކުޅެންލިބޭ މެޗުތަކުގެ ނިސްބަތު މަދުވެފައިވާ މިދަނޑިވަޅުގައި ލިބުނު މިފުރުސަތު ދޫކޮށްލާ ރާއްޖޭގައި ސީރިއާ އާއި ދެކޮޅަށް ރާއްޖެ ޓީމު ކުޅޭމެޗު ޗައިނާގައި ކުޅެން ރާއްޖެއިން ބޭނުންނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއިން ހުށަހަޅާފައިވާ ޝެޑިއުލްގައި ވާގޮތުން ބާކީހުރި މެޗުތައް ޝެންހާއީގައި ކުރިއަށްދާނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޗައިނާއިން މިހުށަހެޅުން ހުށަހަޅާފައިވާއިރު މީގެކުރިން އޭއެފްސީގެ މްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި މުބާރާތުގެ ފައިނަލް ބުރުގެ ކުޅުން ކުރިއަށް ގެންދިޔުމަށްޓަކާ ޖޫން 15 ގެ ކުރިން ދެވަނަ ބުރުގައި ބާކީ ހުރި މެޗުތައް ކުޅެ ނިންމާލަން ނިންމާފައެވެ.

ޗައިނާއިން ހުށަހަޅާފައިވާ މެޗް ޝެޑިއުލްގައި ވާގޮތުން ރާއްޖެ ކުޅޭ ތިންމެޗުވެސް ކުޅެވިގެންދާނީ ޖޫން މަހުގެ ތެރޭގައެވެ. އެއީ ރާއްޖެއިން ޗައިނާ އާއި ދެކޮޅަށް ޖޫން ތިންވަނަ ދުވަހު ކުޅޭ މެޗާއި ސީރިއާ އާއި ދެކޮޅަށް އެމަހުގެ ހަތްވަނަ ދުވަހު ކުޅޭ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އެހެންނަމަވެސް މީގެކުރިން ރާއްޖެއަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު މާޗު މަހުގައި ކުޅޭނެއެވެ. އެއީ ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޖޫން މަހު އޮންނާނީ ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކަުން ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގައި ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސްމެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއިއެކު ދެވަނައިގައި އޮތްއިރު ތިން ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެން އޮތީ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.