ކޮވިޑް-19 ވެކްސިން ޖަހަން ދެކޮޅުހަދާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރަން އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ ސިޓީ ސަރުކާރުން ނިންމައިފިއެވެ.

ޖަކާޓާ ސިޓީން ނިންމާފައިވަނީ، އެ ސިޓީގެ ރައްޔިތުންގެ ތެރެއިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ ނުވަތަ އެކަމަށް އިންކާރުކުރާ ކޮންމެ މީހަކު 5 މިލިއަން ރުޕިއާ (356.89 އެމެރިކާ ޑޮލަރުން) ޖޫރިމަނާ ކުރުމަށެވެ.

ޖަކާޓާ ސިޓީން މިފަދަ ހަރުކަށި ނިންމުމެއް ނިންމީ، ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއްކަމަށް ކަނޑައަޅައި އައު ގަވާއިދެއް ހަދާފައިވުމުން، އެ ގަވާއިދަށް ހުރިހާ ރައްޔިތުންވެސް ކިޔަމަން ކުރުވުމުގެ ބޭނުމުގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަކާޓާގެ ޑެޕިއުޓީ ގަވަރްނަރ އަހްމަދު ރިޒާ ޕަޓްރިއާ ވިދާޅުވީ، ޖަކާޓާ ސިޓީގެ އޮފިޝަލުން މަސައްކަތް ކުރާނީ ގަވާއިދާ އެއްގޮތަށް ވެކްސިން ޖެހުމަށް ކަމަށެވެ.

ވެކްސިން ނުޖަހައިގެން ނުވަތަ ވެކްސިން ޖެހުމަށް ދެކޮޅު ހަދާމީހުން ޖޫރިމަނާކުރާނީ އެންމެފަހު ކަމެއްގެގޮތުން ކަމަށްވެސް ޑެޕިއުޓީ ގަވަރްނަރ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާއިން މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ވެރިރަށް ޖަކާޓާއިން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

"ވެކްސިން ޖަހަން ދެކޮޅު ހަދައިފިނަމަ ދެކަމެއް ކުރިމަތިވާނެ. އެއްކަމަކީ ސޯޝަލް އެހީއެއް ނުލިބޭނެ. ދެވަނަ ކަމަކީ ޖޫރިމަނާ" ޖަކާޓާ ޑެޕިއުޓީ ގަވަރްނަރ އަހްމަދު ރިޒާ ޕަޓްރިއާ

ކޮވިޑް-19 އާ ދެކޮޅަށް އިންޑޮނޭޝިޔާއިން ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާއިރު، އެގައުމުގެ އާބާދީގައި ހިމެނޭ 270 މިލިއަން މީހުންގެތެރެއިން ކުރިއަށްއޮތް 15 މަސްދުވަހުގެ ތެރޭގައި 181.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

އިންޑޮނޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ ނިމިގެންދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ.

ވެކްސިން ޖެހުމަށް ދެކޮޅުހަދާ ފަރާތްތަކަށް އިޖުތިމާއީ އެހީތެރިކަން، ނުވަތަ ސަރުކާރުގެ ޚިދުމަތްތައް ދިނުން ހުއްޓާލުން ނުވަތަ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެކަމަށް މިދިޔަމަހު ވަނީ ރިޔާސީ ގަރާރެއްވެސް ނެރެފައެވެ.

ވެކްސިން ޖަހަން ދެކޮޅުހަދާ މީހުންނަށް އަދަބު ދިނުމާމެދު ގޮތެއް ނިންމާނީ، ސަރަހައްދީ ސިއްހީ އިދާރާތަކުން ނުވަތަ ސިޓީ ސަރުކާރުތަކުން ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.

ވެކްސިން ޖެހުމަށް މަޖުބޫރުކޮށް އިންޑޮނޭޝިޔާގެ ވެރިރަށުން ގަވާއިދެއް ތައާރަފްކުރީ، ވެކްސިން ޖެހުމާމެދު އެގައުމުގެ އާންމުންގެ މެދުގައި އެތައް ދުވަހެއް ވަންދެން ވަރުގަދަ ބަހުސްތަކެއް ހިނގުމަށް ފަހުގައެވެ.

އާންމުންގެ މެދުގައި ބަހުސްކުރެވުނު ކަންކަމުގެ ތެރޭގައި، ވެކްސިންގެ ރައްކާތެރިކަމާއި، ބަލިން ދިފާއުކޮށްދޭ މިންވަރާއި، ވެކްސިން ހަލާލްތޯއާއި، ކޮވިޑް ވެކްސިން ޖެހުމަށް އިސްލާމްދީން ހުއްދަކުރޭތޯފަދަ އެތައް ކަމެއް ހިމެނުނެވެ.

ވެކްސިން ނުޖަހައިގެން މީހުންނަށް އަދަބުދިނުމަކީ އިންސާނީ ހައްގުތަކާ ޚިލާފް ކަމެއްކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިންޑޮނޭޝިޔާއިން ބުނެފައިވާއިރު، ގަވާއިދަކުން މީހުންގެ މައްޗަށް އެކަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫންކަމަށްވެސް ބުނެފައި ވެއެވެ.

އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އަދަބެއް ދޭނީ ވެކްސިން ޖެހުމަށް މީހުންނަށް ހިތްވަރުދިނުމުގެ އެންމެފަހު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ޖަކާޓާއިން ގަވާއިދެއްގެދަށުން އާންމުން ވެކްސިން ޖެހުމަށް މަޖުބޫރު ކުރި ނަމަވެސް، އިންޑޮނޭޝިޔާގެ އެންމެ ބައިބޯ ޕްރޮވިންސް ކަމަށްވާ ވެސްޓް ޖާވާ އަދި ވެސްޓް ނޫސާ ޓެންގަރާއިން ބުނެފައިވަނީ، ވެކްސިން ނުޖަހައިގެން މީހުންނަށް އަދަބުދިނުމުގެ ޕްލޭނެއް ނެތްކަމަށެވެ.