މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،278 ފަތުރުވެރިން ޒިޔާރަތްކުރާކަމަށް ޓުއަރިޒަމް މިނިސްޓްްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަތާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 2،971 ފަތުރުވެރިންނެވެ. އެހެންނަމަވެސް މިހާރު މިއަދަދު މަތިވެ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ދަދަދު ވަނީ 3،278 އަށް އަރާފައެެވެ.

މިމަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 14ވަނަ ދުވަހުގައެވެ. އެދުވަހު ރާއްޖެއަށް 4،856 ފަރުތުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 12ވަނަ ދުވަހު 4،809 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއާއެކު މިމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ، 59،010 އަށް އަރާފައެވެ. އަދި މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 151،113އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 268،034 ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 32،970 ފަތުރުވެެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 32،019 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެއިތުރުން ޔޫކްރެއިިންއާއި، ކަޒަކިސްތާން، ރޮމޭނިއާ ޖާމަނީ، ފްރާންސް އަދި ސްވިޒަލޭންޑާއި އިނގިރޭސިވިލާތުންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިންނަށް ޚިދުމަތްދޭ 646 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 146 ރިސޯޓާއި، 11 ހޮޓެލް އަދި 137ސަފާރީގެ އިތުރުން 352 ގެސްޓްހަސްއެވެ. މީއީ 44،277 ބެޑް ކެޕޭސިޓީއެވެ.

ބެޑް ކެޕޭސިޓީ އެންމެ ގިނައީ ރިސޯޓްތަކުގައެެވެ. ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 33،672 އެވެ. ދެން ބެޑް ކެޕޭސިޓީ އެންމެ ގިނައީ ގެސްޓްހައުސްތަކުގައެވެ. އެގޮތުން ގެސްޓްހައުސްތަކުގެ ބެޑް ކެެޕޭސިޓީއަކީ 6482އެވެ.