ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގައި އޫޅޭއިރު، އަމިއްލަ ނަފްސާއި، ތިމާގެ އަަޚާ ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތިމާއާއި އަނެކުންގެ މަސްލަހަތަށް ރައްކާތެރިވުން، މި މައުލޫއަށް އިއްވި ޚުތުބާގައި ބުނީ މިއަދު އިންސާނުން ތަހައްމަލް ކުރަމުންދާ ހާލަތަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ހާލަތެއް ކަމަށެވެ.

މި ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ﷲގެ ހަޒްރަތުން ރައްކާތެރިކަމަށް އެދޭ ހާލު، އަޅުކަން ކުރުމާއި، ބޭނުންޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ބަލުމަޑުކަމެއްގައި އުޅޭއިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާޓެރިކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުރިހާ ނުރައްކަލަކުން ސަލާމަތްވެވެން އޮތީ ﷲ އަށް ބިރުވެރިވެ، ސަބަބުތަކުގައި ހިފުމާއެކު ﷲގެ ރަހުމަތްފުޅުން ކަމަށްވެސް މިއަދު ހުކުރު ޚުތުބާގައި އަނެއްކާވެސް ވަނީ ހަނދާންކޮށްދީފައެވެ.

މުސްލިމް އަޚުންނޭވެ! މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން، އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ، ސަބަބުތަކުގައި ހިފުމާ އެކު، ﷲ ގެ ރަޙުމަތްފުޅުންނެވެ. މާޒީގައި، ﷲ ގެ ނަބިއްޔުންނާއި، ރަސޫލުންނަށް ވެސް، މިފަދަ އެތަކެއް ހިތްދަތި ޙާދިސާތަކާ ކުރިމަތިވިއެވެ. ނަމަވެސް އެ ބޭބޭކަލުން ﷲ ގެ ރަޙްމަތާއި، އޯގާވަންތަކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި، ދުޢާ ދެންނެވުމުގައި ސާބިތުވެ ތިއްބެވިއެވެ.
ޚުތުބާ

މީގެ އިތުރުން ދުނިޔަވީ ހަޔާތަށް އަންނަ ކޮންމެ ހިތްދަތި ކަމަކަށްފަހު އެތައް ފަސޭހަކަމެއް އަންނާނެ ކަމަށް މާތްﷲ ވައުދިވެވޮޑިގެންވާކަމަށާއި، މި ވައުދުފުޅުގެ މަތިން ހަނދާންކޮށް މިކަމުން ހިތްވަރު ލިބިގަތުމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މާތް ﷲ މުއުމިނުންނާ ކުރިމަތިކުރައްވާ ބަލިމަޑުކަމަކީ، އެބައިމީހުންގެ ކުދި ފާފަތަކަށްވާކައްފާރާއެކެވެ. ރަސޫލު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. މުސްލިމަކަށް ބަލިމަޑުކަމަކުން ނުވަތަ އެ ފަދަ އެހެން ކަމަކުން ވިޔަސް ވޭނެއް ކުރިމަތި ވެއްޖެނަމަ، އެކަމުގެ ސަބަބުން ގަހަކުން ފަތްވެރޭފަދައިން އޭނާގެ ކުށްފާފަތައް ފުއްސަވައިދެއްވައެވެ.
ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާ ނިންމާލާފައިވަނީ އަޅަމެންނަކީ ދީނީ ކަންކަމަށް ފަރުވާތެރިބާ ބަޔަކު ކަމުގައި ލެއްވުމަށާއި، ކޮރޯނާ ވައިރަހާ އެންމެހާ ރޯގާތަކާއި، ތަދުމަޑުކަމާއި، ބަލިމަޑުކަމުން މި ދިވެހިރާއްޖެ ރައްކާތެރިކޮށްދެއްވައި، ފުރިހަމަ ސިއްހަތާއި، ޢާފިޔަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރަމުންނެވެ.