މުޅި ދުނިޔޭގެ އެންމެން ވެކްސިން ޖަހައިގެން މެނުވީ، ކޮރޯނަވައިރަސްގެ ބަލިމަޑު ހާލަތުން އަރައި ނުގަނެވޭނޭ ކަމަށް، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތައް ހިމެނޭ، ޖީ7 ގައުމުތަކުގެ އެންމެ އިސް ވެރިންގެ ސަމިޓްގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދެއްކެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ، ދުނިޔޭގެ އެންމެނަށް ވެކްސިން ދެވިގެން މެނުވީ، މި ބަލިމަޑު ހާލަތުން އަރައި ގަނެވެން ނެތްކަމަށް ޖީ7 ގެ ގައުމުތަކުގެ ވެރިންނަށް ދެންނެވި ކަމަށެވެ.

އެކަން ކުރުމަށްޓަކައި ޖަރުމަނާއި، އަދި މުއްސަނދި އެހެން ގައުމުތަކުންވެސް، އެ ގައުމުތަކަށް ލިބިފައިވާ ކޮވިޑް ވެކްސިންގެ ތެރެއިން ކޮންމެވެސް އިންސައްތައެއް، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދެވޭނެގޮތެއް ހަދަންޖެހޭ ކަމަށް ދެންނެވި ކަމަށްވެސް ޖަރުމަނުގެ ޗާންސެލަރ ވިދާޅުވިއެވެ.

ނަމަވެސް، ފަގީރު ގައުމުތަކަށް ދޭނީ ވެކްސިންގެ ކިހާ މިންވަރެއް ކަމާމެދު ޖީ7 ސަމިޓްގައި ވެރިން އަދި މަޝްވަރާ ނުކުރައްވާ ކަމަށް އެންޖެލާ މާކެލް ވިދާޅުވިއެވެ.

އެންޖެލާ މާކެލް ވިދާޅުވީ، އެމެރިކާގެ ވެރިކަން ބަދަލުވުމުން، ޚާއްސަކޮށް ވެކްސިންގެ މައްސަލާގައި ދޭދޭ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ. އެމެރިކާގެ އައު ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ އެއްބާރުލުން ލިބެން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިންއާ ގުޅޭގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް ހިމެނޭ ޖީ7 ސަމިޓްގައި މިފަދަ މޭރުމަކުން މަޝްވަރާ ކުރެވުނު އިރު، ވެކްސިންގެ މައްސަލާގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ދާދިފަހުންވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް ވިދާޅުވީ، ދުނިޔޭގައި މިހާތަނަށް އުފެއްދި ކޮވިޑް ވެކްސިންގެ %75 ބޭނުންކޮށްފައިވަނީ އެންމެ 10 ގައުމުން ކަމަށެވެ. މިއީ، ވަރަށް ބޭއިންސާފު ހިނގާ ކަމެއް ކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއްހާ މިންވަރުވެސް ނުލިބޭ 130 ގައުމު ދުނިޔޭގައި މިވަގުތު އެބައޮތް ކަމަށެވެ.

ގައުމުތަކަށް ވެކްސިން ލިބުމުގެ މައްސަލައަކީ، މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމެއް ތަހައްމަލް ކުރަމުންދާ ނާޒުކު މި ދަނޑިވަޅުގައި އިންސާނީ މުޖުތަމައަށް ކުރިމަތިވެފައިއޮތް އެންމެބޮޑު އިމްތިހާނު ކަމަށްވެސް ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

އަދި ދުނިޔޭގެ އެންމެނަށް ކޮވިޑް ވެކްސިން ލިބޭނެ ނިޒާމެއް ގާއިމްކުރަން ސެކްރެޓަރީ ޖެނެރަލް، ދުނިޔޭގެ މުއްސަނދި ގައުމުތަކަށް ގޮވާލައްވާފައިވެސް ވެއެވެ.