ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ޚަބަރެއް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލުން މިހެން ބުނެފައިމިވަނީ އިންލައިން ނޫހެއްގައި މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓާއި ގުޅިގެންނެވެ.

އެމްޕީއެލުން ނެރުނު ބަޔާނެއްގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލް އިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ. އަދި މީޑިއާއަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާއި ޚިލާފު މިފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭގޮތަށް ކަމުގެ ހަގީގަތް ނުހޯދާ މިފަދަ ޚަބަރެއް ލިޔެފައިވާތީ އެކަން އެމްޕީއެލުން ކުށްވެރިކުރާ ކަމަށާއި އަދި އެފަދަ ޚަބަރުތައް ޒިންމާދާރުކަމާއެކު އާންމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް އެމްޕީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ހަގީގަތާ ޚިލާފު މައުލޫމާތުތަކެއް އެމްޕީއެލްއާއި ގުޅުވައިގެން ފެތުރި މައްސަލައިގައި ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަން ފާހަގަކޮށް އެމްޕީއެލްއިން ބުނީ އެކުންފުނިިން އިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ޢިމާރާތް ކުރަމުންދާ ފުލެޓްތަކެއްކަމަށެވެ.