މުޒާހަރާކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ އެއްވުންތަކަކީ ގާނޫނާއި ޚިލާފު އެއްވުންތަކެއް ކަމަށާއި އެއްވުންތައް ސިލްސިލާކޮށް ބާއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ވަގުތެއްގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓެއްގައިވަނީ ގާނޫނުލް އުގޫބާތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި ގާނޫނުގައި ސާފު އިބާރާތުން ކުށެއްކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ގާނޫނުއަސާސީގެ 59(ހ) އާ ޚިލާފަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށްވެސް ޑރ. އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓުގައިވެއެވެ.

މުޒާހަރާ ކުރާ ފަރާތްތަކާ މެދު ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމުގެ ވާހަކަ ފުލުހުން ބުނުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.

އިދިކޮޅުން ކުރާ މުޒާހަރާތަކަކީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ކުރަމުންދާ މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ ގާނޫނީ ކުށެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މާލޭގައި މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަމަށާއި އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.