ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތައް އަނެއްކާވެސް ފަސްކުރިއިރު ރާއްޖޭގެ ޓީމު ކުޅެންހުރި ހުރިހާ މެޗެއްވެސް ޖޫން މަހުގެ ތެރޭގައި ކުޅެން ނިންމައިފިއެވެ.

އޭއެފްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މާޗު މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ހަތަރު މެޗެއް ފިޔަވައި ދެން ހުރި ހުރިހާ މެޗެއް ކުޅޭނީ ޖޫން މަހު ކަމަށެވެ.

އޭއެފްސީން މިގޮތަށް ނިންމިއިރު ކުރިން ނެރުނު ޝެޑިއުލްގައިވާ ގޮތުން އަންނަ މާޗު މަހުގައި ރާއްޖެ ޓީމު ދެމެޗެއް ކުޅެން ޖެހެއެވެ. އެއީ މާޗު މަހުގެ 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗާއި، މާލޭގައި އެމަހު 30 ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރަން އޮތް މެޗެވެ. ދެން ކޮލިފައިންގައި ރާއްޖެއަށް އޮތީ ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ކޮލިފައިންގ މެޗުތައް ފަސްކުރި ތިންވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު މާޗް މަހު ކުޅެން އޮތް މެޗުތައް އެންމެ ފުރަތަމަ ފަސްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު މެޗުތައް ކުޅުމަށެވެ. އެހެންނަމަވެސް ފަހުން ވަނީ މިމެޗުތައް މާޗު މަހާއި ޖޫން މަހުގައި ކުޅުމަށް ތާވަލުކޮށްފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ޗައިނާގައި އަންނަ ޖޫން މަހު ކުޅުމަށްވެސް އެ ގައުމުން ވަނީ ހުށަހަޅާފައެވެ. އެގޮތުން ޗައިނާއިން އޭއެފްސީއަށް ހުށަހަޅާފައިވާ ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ބާކީ ހުރި މެޗުތައް ސެންޓްރަލައިޒް ކޮށްގެން، ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު މެޗުތަކުގެ ނަތީޖާތަކަުން ރާއްޖެ އޮތީ ގްރޫޕްގެ ހަތަރު ވަނައިގައި ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސްމެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއިއެކު ދެވަނައިގައި އޮތްއިރު ތިން ވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެން އޮތީ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.