އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގުރޫޕުގެ މެޗުތައް ހޯސްޓުކުރަން ރާއްޖެއިން ބިޑުކޮށްފިއެވެ.

ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީ މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ވަނީ ނިންމާފައެވެ. އެހެންކަމުން މިގޮތަށް ސެންޓްރަލައިޒްކޮށްގެން ކުރިއަށް ގެންދިއުމަށް ހޯސްޓުކުރާނެ ގައުމެއް ކަނޑައެޅުމަށްޓަކާ ބިޑުކުރުމުގެ ފުރުސަތު އޭއެފްސީން ވަނީ ހުޅުވާލާފައެވެ.

މީގެކުރިން ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މިފަހަރުވެސް އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ބޭނުންކަމަށެވެ. އަދި މި ހާލަތުގައި އެކަމަށް ބިޑް ކުރެވޭނީ އެ މުބާރާތުގެ މެޗުތައް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭއިން ދިނުމުން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ހިންގޭ އޮންލައިން ނޫހަކަށް މައުލޫމާތުދެމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ރާއްޖެއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ރާއްޖެއިން މިމެޗުތައް ހޯސްޓުކުރަން ހުށަހަޅާފައިވާއިރު އަވައްޓެރި އިންޑިއާއިންވެސް ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ހޯސްޓުކުރަން ބިޑުކޮށްފައެވެ. އެގޮތުން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ވަނީ އޭއެފްސީ ކަޕުގެ މެޗުތައް ކަލްކަތާގައި ކުޅެން ހުށަހަޅާފައިކަމަށް ބޭރުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖޭގެ ޓީމުތައް ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.