ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ބޮޑު އިސްކަމެއްދެއްވީ ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ "މޯލްޑިވްސް އިންޑިޔާ ޕާޓްނަރިންގ އިން ދަ ޑިވެލޮޕްމަންޓް އޮފް ޔޫތް އެންޑް ސްޕޯޓްސް" އިވެންޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށިގެންއައީ ހަށިހެޔޮ ދުޅަހެޔޮ އީދަކާއެކުގައި ކަމަށާއި އެ ކުޅިވަރުތައް މުޅި ރާއްޖޭގައި ކުޅެމުންދިޔައީ އީދަކާއެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކަށްވީ ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމާ ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެއްދެވުން ކަމަށާއި އެގޮތުން އެމަނިކުފާނު ފެއްޓެވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ދޮޅު މަހެއްގެ ތެރޭގައި ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ދަނޑެއް ޔޫތު މިނިސްޓްރީން ހަދަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދާކަމަށާއި އަދި 66 ރަށެއްގައި ކަސްރަތު ކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރުމުގައި ރާއްޖެއިން ބޭރުން ހޯދަންޖެހޭ އެހީތެރިކަން ފޮރިން މިނިސްޓްރީން އަންނަނީ ހޯދައިދެމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރް ރާއްޖެ ވަޑައިގަތުމުން އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ކަމަށެވެ.