ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ އިންޑިއާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކުވެނި ސިންތެޓިކް ޓްރެކުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އިންޑިއާއަކީ މިއަދު މި ދުނިޔޭގައި އެންމެ ބާރަށް ތަރައްގީވަމުން ކުރިއަރަމުން އަންނަ އެއް ގައުމުކަން ފަހަަގަކުރައްވާފައެވެ. އަދި އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު ކަމަށާއި، ދިވެހިރާއްޖެއަށް ކޮންމެ ކަމެއް ދިމާވިނަމަވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއީ ބަޣާވާތެއްކަމުގައިވީ ނަމަވެސް، ފެނުގެ ކާރިސާއެއް އަދި ސުނާމީއެއް އެރިނަމަވެސް، އަދި ބަލިމަޑުކަމެއްގައި ވެކްސިން ޖަހަން ޖެހުނު ނަމަވެސް އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ގާތަށް އެހީތެރިވާން އައިސްފައިވަނީ އިންޑިއާއިންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ކުރިއެރުމާއި ދިވެހިރާއްޖޭގެ ތަރައްގީއާއި، ދިވެހިރާއްޖޭގެ ސަލާމަތް އެއްވެސް ޝައްކެއް ނެތް ގޮތުގައި ގުޅިފައި އޮތީ އިންޑިއާގެ ބާރާއި އިންޑިއާގެ ކުރިއެރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންވީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ސާދާކަމާއެކުގައި މި ބުނަނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމައޭ. އެއަށްފަހުއޭ އަޅުގަނޑުމެން އެހެން ކަންކަމާ ވިސްނުން ބުއްދިވެރީ. ދިވެހިން ވިސްނަންޖެހެނީ ދިވެހިންގެ ރަނގަޅަށް. މި ދިވެހިރާއްޖޭގެ ކުރިއެރުމަށް، މި ދިވެހިރާއްޖޭގެ ތަރައްގީއަށް. ދިވެހިރާއްޖޭގެ ކުރިއެރުމާއި ދިވެހިރާއްޖޭގެ ތަރައްގިއާއި، ދިވެހިރާއްޖޭގެ ސަލާމަތް އެއްވެސް ޝައްކެއް ނެތް ގޮތުގައި ގުޅިފައި އޮތީ އިންޑިއާގެ ބާރާއި އިންޑިއާގެ ކުރިއެރުމަށް.
މުހައްމަދު ނަޝީދު

މީގެ އިތުރުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ވިޔާފާރީގެ ގުޅުން އިތުރަށް ފުޅާވެ ތަރައްގީވަމުންދާކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖެއާއި، އިންޑިއާގެ ވިޔަފާރިވެރިން ގުޅިގެން މި ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތްކުރަމުންދާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.