ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކުރުމަށްޓަކައި އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ "މޯލްޑިވްސް އިންޑިޔާ ޕާޓްނަރިންގ އިން ދަ ޑިވެލޮޕްމަންޓް އޮފް ޔޫތް އެންޑް ސްޕޯޓްސް" އިވެންޓުގައި ވާހަކަދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު އެވެ.

އިންޑިއާގެ އެހީތެރިކަމުގެ ދަށުން ތަރައްގީކުރެވިގެންދިޔަ މާލޭ އެކުވެނި ސިންތެޓިކް ދަނޑުގައި ބޭއްވުނު ހަފްލާއެއްގައި ވާހަކަދައްކަވަމުން ޑރ. ޖައިޝަންކަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަން އިންޑިއާއަށް އެނގޭ ކަމަށާއި، ދިވެހިންނަށް ބޭނުންވާނެފަދަ ކުޅިވަރު ވަސީލލަތްތައް ގާއިމްކުރުމަށް އިންޑިއާގެ ފަރާތުން 40 މިލިއަން ޑޮލަރުގެ ބޮޑު ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރަސްމީގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްފަހުގައި މިކަމުގެ އެއްބަސްވުމުގައި ދެގައުމުން ވަރަށް އަވަހަށް ސޮއެކުރާނެ ކަމަށްވެސް ޑރ. ޖައިޝަންކަރު ވިދާޅުވިއެވެ.

އަދި މިއީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިމަހުގެ ހަތަރުވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން، ރާއްޖޭގައި މިހާރު ފަށާފައިވާ ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އިންޑިއާގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަންދީ މިކަން ހާސިލުކުރުމަށް އިންޑިއާއަކީ އެކުގައި ހުންނާނެ ބައިވެރިއެއްކަން ސާބިތުކޮށްދޭނެ ކަމެއްކަން ޑރ. ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ވަކިކުޅިވަރެއް ތަރަށްގީކުރުމަށް ނުވަތަ ވަކި ރަށެއްގައި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި ދެވޭ އެހީތެރިކަމެއް ނޫންކަމަށާއި މިއީ މުޅި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށް ކުރިއެރުވުމަށްޓަކައި ދެވޭ ލޯނު އެހީއެއްކަންވެސް ޑރ. ޖައިޝަންކަރުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- ފޮރިން މިނިސްޓްރީ

މީގެ އިތުރުން ޑރ. ޖައިޝަންކަރު ވިދާޅުވީ މިހާތަނަށްވެސް އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށްވެސް ހާއްސަ ސަމާލުކަމެއް އެ ގައުމުން ދެމުން އަންނަ ކަމަށާއި ކައިރި މުސްތަގްބަލެއްގައި ރާއްޖޭގެ ކްރިކެޓް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޗެންނާއީގައި ފެށިގެންދާނެ ކަމަށާއި، އަދި މީގެކުރިންވެސް އިންޑިއާއިން ތަމްރީނު ހާސިލްކޮށްގެން ތިބި އެތްލީޓުންތަކެއް ރާއްޖެއަށް ސަރަހައްދީ މުބާރާތްތަކުގައި ރަންވަނަތަކެއް ހޯދައިދީފައިވުން މިއީ އިންޑިއާއިން އެކަމާއި އުފާކުރާ ކަމެއްކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވިގެންދާ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމް އެޅުމަށްވެސް ނިންމާފައިވަނީ އިންޑިއާއިން ކަމަށާއި، ރާއްޖޭގެ ޓީމް، ކްރިކެޓްގެ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ވާދަކުރާނެދުވަހެއް ދެކެން ބޭނުންވާކަމަށް ޑރ. ޖައިޝަންކަރުވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުޅިވަރު ކުޅުމަށާއި، ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުކުރާނެ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި، މާލީގޮތުން ބޮޑެތި އެހީތެރިކަމެއް ފާއިތުވީ ދެއަހަރު ދީފައިވާއިރު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ވަނީ ދީފައެވެ. އަދި 1996 ވަނަ އަހަރުން ފެށިގެން މުޅި މާލޭގެ ރައްޔިތުން ކަސްރަތުކުރުމަށްޓަކައި އަދި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ތަފާތު އެތައް ހަރަކާތްތަކެއް ހިންގަމުން އައި އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ އަހަރު ހުޅުވީވެސް އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

މިއީ އެތައް ދިވެހިންނެއް ކުރަމުންދިޔަ ދިގު އިންތިޒާރެއްގެ ނިމުން - ފޮޓޯ:- ރައީސް އޮފީސް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކޮށް ކުޅިވަރު އެތްލީޓުން ތަމްރީނުކުރުމުގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަގުނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްދެއްވާފައެވެ. އަދި ފާއިތުވީ ދެއަހަރެއްހައި ދުވަހު ސަރުކާރުގެ އެންމެ ހިންގުންތެރި އެއް އިދާރާއެއްގެ ގޮތުގައި ފެނިގެންގޮސްފައިވަނީވެސް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓެވެ.

މިހާތަނަށް ކުޅިވަރުގެ މަޝްރޫއުތަކަށް 345 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. ކުޅިވަރު ވުޒާރުގެ ހުންގާނުގައި ހިފަހައްޓަވައިގެން ހުންނެވި މާލިމީ މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މީގެކުރިން އެ ވުޒާރާ އާއި ހަވާލުވެވަޑައިގެންނެވި ވަޒީރުންނާއި ނުބައްދަލު މިންވަރަކަށް މަސައްކަތް ކުރައްވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާއި ޒުވާނުންނާއި ގުޅުންހުރި ގިނަ ކަންކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެެއްވާފައެވެ. އަދި މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މާލެ ފިޔަވާ އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކެއް އެޅުމަށް ނިންމާފައިވާއިރު މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ކޮންޓްރެކްޓް އުސޫލުން ވަނީ ހަވާލް ކޮށްފައެވެ. އަދި 8 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 57 ފުޓްސަލް ދަނޑާއި 104 ކުޑަކުދިންގެ ޕާކުވެސް ވަނީ ގާއިމްކޮށްފައެވެ.