ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ ކުލަބުތަކަށް ނިސްބަތްވާ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހައިފިކަން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ ބައްސާމް ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ބައްސާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޕްރިމިއަރ ލީގުގައި ވާދަކުރާ ހުރިހާ ކުލަބުތަކަކަށް ކުޅެމުންދާ ކުޅުންތެރިންނާއި ކުލަބުތަކުގެ އޮފިޝަލުންވެސް ވެކްސިން ޖަހައިފިކަމަށެވެ. އަދި ލީގު ފެށޭނެކަމުގެ އުންމީދުގައި ކަމާއިގުޅުންހުރި އިދާރާތަކުން ދެއްވާފައިވާ އެންމެހާ އިރުޝާދުތަކަކަށް މިހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް ތަބާވަމުން އަންނަކަމަށާއި އުންމީދުކުރަނީ ވަރަށް އަވަހަށް ލީގުފެށުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެގުމާ އެކު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ޖަހަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ލީގުގެ ކުޅުން ކުރިއަށް ނުދާނަމަ ފުޓުބޯޅައިން ރަސްމީ ގައުމީ ޓީމެއް އެކުލަވާލުމުގެ ފުރުސަތު ނުލިބޭނެތީވެ އެފްއޭއެމުން އެދުނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައިދޭށެވެ. ބައްސާމްގެ މި އެދިލެއްވުމާއިއެކު މިފުރުސަތުލިބި އެދުހުވެސް ގިނަ އަދަދެއްގެ ސީނިއަރ ކުޅުންތެރިންވަނީ ވެކްސިން ޖަހާ، އެހެންކުޅުންތެރިންނަށް ނަމޫނާ ދައްކާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ވައިރަސްއިން ރައްކާތެރިވުމަށްޓަކާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި ކުޅިވަރުގެ އެންމެހާ ހަރަކާތްތައް ހުއްޓާލުމަށް ނެރުނު އަމުރަށް ތަބާވުމުގެ ގޮތުން ލީގު މެދުކަނޑާލާ ފަރިތަކުރުންވެސް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު ވަގުތީގޮތުން މެދުކަނޑާލަން ނިންމިއިރު ތާވަލުގެ އެއްވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެޓީމަށް ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.