އިންޑިއާގެ ހިންދީ ސިނަމާގައި އެންމެ ޒަމާންވީ އަދި ބިގްބީގެ ނަމުން މަޝްހޫރުވެފައިވާ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަންގެ ކުރިއަށްއޮތް ފިލްމު "ޖުންދު" މިއަހަރު ޖޫންމަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އިންޑިއާގެ ސިނަމާތަކަށް ވިޔަފާރީގެގޮތުން ލިބިފައިވާ ގެއްލުން ފޫބެއްދުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ދަނީ ކުރިޔަށެވެ.

އެގޮތުން ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ދާދިފަހުންވަނީ އެފަރާތްތަކުގެ ބޮޑެތި ބަޖެޓް ފިލްމުތަކެއް ސިނަމާގައި ރިލީޒްކުރަން ނިންމާ ތާރީޚުވެސް އިއުލާނު ކޮށްފައެވެ.

އަމީތާބްގެ ފިލްމު "ޖުންދު" އަކީ ސްލަމް ސޮކަރގެ ނަމުގައި އުފައްދާފައިވާ އެން.ޖީ.އޯ ވުޖޫދަށްގެނައި ވިޖޭ ބަރްސޭގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެއް ތައްޔާރުކޮށްފައިވާ ކުޅިވަރު ޑްރާމާ ފިލްމެކެވެ.

ޓީ-ސީރީސްގެ ބެނަރގެ ދަށުން އުފައްދާ މިފިލްމުގެ ޕްރޮޑިއުސަރަކީ ޓީ ސީރީސްގެ ޗެއަރމަން ބޫޝަން ކުމާރެވެ.

މިފިލްމުގެ ޑައިރެކްޓަރަކީ، މަޝްހޫރު ތަމަޅަ ފިލްމު "ސައިރާތް" ތައްޔާރުކުރި ނާގްރާޖް މަންޖުލޭއެވެ.

އަމީތާބްގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ "ސައިރާތް" ފިލްމުގެ މެއިން ލީޑްކުޅެފައިވާ ދެތަރިން، އާކާޝް ތޯސަރު އަދި ރިންކޫ ރާޖްގުރޫއެވެ.

މިއީ ފިލްމު "ސައިރާތް" އަށް ފަހު ޑައިރެކްޓަރު ނާގްރާޖްއާއެކު މިދެތަރިން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

މިފިލްމުގައި އަމިތާބް ކުޅެނީ އިންޑިއާގެ މަގުމަތީގައި ދިރިއުޅޭ ޔަތީމު ކުދިން ޓްރެއިންކޮށް އެކުދިންގެ ފުޓްބޯޅަ ޓީމެއް ތައްޔާރުކުރުމަށް މަސައްކަތްކުރާ ޕްރޮފެސަރެއްގެ ރޯލެވެ.

އިންޑިއާގެ ނާގްޕޫރުގައި ފިލްމުގެ މަސައްކަތް 2018 ވަނަ އަހަރު ފަށާފައިވާއިރު، މިހާރު މިފިލްމުގެ މަސައްކަތް އެއްކޮށް ނިމި ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.

ފިލްމުގެ ޕްރޮޑަކްޝަން ހައުސް ޓީ-ސީރީސްއިން ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެނެސްދިނުމަށެވެ.