އެމޭޒަން ޕްރައިމްއިން ރިލީޒްކުރި ފިލްމު "ދްރިޝްޔަމް-2" ގެ ރިމޭކް ކުޅެން އެކްޓަރު އަޖޭއާއި ބަތަލާ ތައްބޫ އެއްބަސްވެފައިވާކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

މިފިލްމުގެ ފުރަތަމަ ބައިގެ ރިމޭކްގެވެސް މެއިން ލީޑްއިން ފެނިގެންދަނީ މިދެތަރިންނެވެ.

ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން ތައްޔާރުކޮށްފައިވާ ފިލްމުގެ ފުރަތަމަ ބަޔަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ.

ފިލްމު "ދްރިޝްޔަމް-2" ވަނަބައި އުފެއްދުމަށް އިއުލާނުކުރި ހިސާބުން މިފިލްމުގެ ރިމޭކިންގް އުފެއްދުމަށް ފިލްމުގެ ރައިޓްސް ގަންނަން އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސަރު ކުމާރު މަންގަތް ނިންމާފައިވާ ކަމަށްވެސް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.

މިއަހަރަކީ އަޖޭ ދޭވްގަން ސޮއިކޮށްފައިވާ ވަރަށް ގިނަ ފިލްމުތަކުގެ މަސައްކަތުގައި އަވަދިނެތި އުޅޭނެ އަހަރެއްކަމުން މިފިލްމަށް އަޖޭއަށް ވަގުތު ދެވެން އަންނަނީ ކުރިއަށް އޮތް އަހަރުއެވެ.

އެހެންކަމުން މިއަހަރު އަޖޭގެ އަތުގައި ހުރި ފިލްމުތަކުގެ މަސައްޖަތް ނިންމާލުމަށްފަހު އޭނާއަށް މިފިލްމުގެ މަސައްކަތަށް ވަގުތުދެވެން އަންނަނީ ކުރިއަށް އޮތް އަހަރުއެވެ.

ބެލެވޭގޮތުގައި އަޖޭއާއެކު ތައްބޫ މިފިލްމުގެ ކާސްޓްގައި ހިމެނޭއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔަ ބަތަލާ ޝްރިޔާ ސާރަން އަދި އިޝީތާވެސް "ދްރިޝްޔަމް-2" އިން ފެނިގެންދާނެއެވެ.

މިފިލްމުގެ ފުރަތަމަބައި ނިންމާލާފައިވަނީ ވަރަށް ބޮޑު ސަސްޕެންސްއަކާއެކު ކަމަށްވެފައި ފިލްމުގެ ދެވަނަ ބައެއްގެ އިންތިޒާރުގައިތިބި ގިނަބަޔަކަށް މިއީ ވަރަށް އުފާވެރި ޚަބަރެކެވެ.

ނަމަވެސް އަންނަ އަހަރު މިފިލްމަށް އިންތިޒާރުނުކުރެވޭ ފަރާތްތަކަށް އެމޭޒަން ޕްރައިމްއިން މީގެ މަޅަޔާލަމް ނުވަތަ ތަމަޅަ ފިލްމު ބަލާލުމުގެ ފުރުސަތު އެބައޮތެވެ.

މަޅަޔާޅަމް ފިލްމްއިން ފެނިގެންދާނީ ސައުތް އިންޑިއާގެ މަޝްހޫރު އެކްޓަރު މޯހަން ލާލްއެވެ.