ހއ. އަތޮޅަށް ދިމާވެފައިވާ ސިއްހީ ނިޒާމުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމާއެކު އޮންލައިންކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގެ ބައިވެރިން އެ އަތޮޅުގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވާކަންކަން ފާހަގަކުރުމުން ރައީސް ވަނީ މުޅި ހއ. އަތޮޅުން އެމަނިކުފާނަށް އެންމެ ބޮޑަށް ފެނުނު އެއް މައްސަލައަކީ ސިއްހީ ނިޒާމުގެ ހުރި މައްސަލަތައް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންބިއުލާންސްގެ ހިދުމަތާއި އާސަންދައިގެ ހިދުމަތާއި ލެބޯޓަރީގެ ހިދުމަތް ލިބުމުގެ ދަތިތަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ މައްސަލަތަކަށް ޚާއްސަ އިސްކަމެއް ދީގެން އެކަންކަން ހައްލުކޮށް ސިއްހީ ނިޒާމު ލާމަރުކަޒުކޮށް ރައްޔިތުންނަށް ދިމާވާ މައްސަލަ ހައްލުކުރުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މި ދަތިތައް ހައްލުކުރުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި ގުޅިގެން މަސައްކަތް ކުރައްވާނަން. އަޅުގަނޑަށް މުޅި ހއ. އަތޮޅުންވެސް އެންމެ ބޮޑަށް ފާހަގަވި އެއް މައްސަލައަކީ ސިއްހީ ދާއިރާގެ މައްސަލަތައް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ލާމަރުކަޒީ ނިޒާމުން ސިއްހީ ހިދުމަތް ތަރައްގީކުރުން. ވަރަށް ކައިރިން އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރަށް އެމްޑީޕީގެ ސްޕޯކްސް ޕަރސަން ހަސަން ލަތީފު ބައިވެރިވެވަޑައިގެންނެވިއިރު ކެމްޕެއިންގެ ބައިވެރިން ވަނީ އެ އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންވެެސް ހިއްސާކޮށްފައެވެ.