ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ.

އަންނަ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލައަކީ 272،480 ކަމަށާއި މިއަށް އިތުރުވާނީ އެއް އިންސައްތައިގެ ވޯޓު ކަރުދާސް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ލަސްކުރެވުނު އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރާނެ ފަރާތެއް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފަ. އެހެންވީމަ 22 ފެބްރުއަރީގަ ވޯޓު ކަރުދާސް ޕްރިންޓް ކުރަން އަޅުގަނޑުމެން ހަވާލުކުރާނަން."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވޯޓު ދިނުމުގެ ހައްގު ދެލައްކަ ހަތްދިހަ ދެހާހުން މަތީގައި ހުރިއިރު މާލެ ސިޓީން ވޯޓު ދިނުމުގެ ހައްގު މި މުއްދަތުގައި ލިބިފައިވަނީ 51,499 މީހުންނަށެވެ. އަދި އައްޑޫ ސިޓީން 25,055 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު ފުވައްމުލަކު ސިޓީން 9,177 މީހުންނަށް މި މުއްދަތުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

ކުޅުދުއްފުށި ސިޓީން 6,825 މީހުންނަށް ވޯޓު ދިނުމުގެ ހައްގު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާއިރު އެހެނިހެން އަތޮޅުތައް ހިމެނޭ ގޮތަށް 179924މީހުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައި ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.

އިންތިހާބުގެ ޚާއްސަ ގާނޫނުގެ ދަށުން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސަބަބުންނާއި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކުރުމާ ގުޅިގެން އިންތިހާބަކާނުލާ މެމްބަރުން ހޮވިފައިވާ ދާއިރާތަކާއި މަގާމުތަކުގެ ތަފްސީލް ހިއްސާކުރައްވާ ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 7 ދާއިރާއަކަށް 28 މެމްބަރުން އިންތިހާބުވާ ކަމަށްވެސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.