2013 ވަނަ އަހަރުން ފެށިގެން ޑޮކްޔާޑެއް ތަރައްގީކުރުމުގެ މަޝްވަރާ އިންޑިއާ އާއި އެކު ކުރަމުންދާ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ކޯސްޓް ގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްގީ ކުރުމަށްޓަކައި މިއަދު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ޑޮކްޔާޑެއް ކޯސްޓު ގާޑުގެ ބޭނުމަށް ބަނދަރަކާއެކު ތަރައްގީކުރުމަށްޓަކައި އުތުރުތިލަފަޅުގަ މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ފެށުނުތާ ދުވަސްތަކެއްވެއްޖެކަމަށެވެ.

2016 ވަނަ އަހަރު މިކަމާ ގުޅޭގޮތުން ވާހަކަދެކެވި މަސައްކަތް ފެށިކަން ފާހަގަކުރައްވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މިކަމާ ބެހޭ ޑިފެންސް އެކްޝަން ޕްލޭނެއްގައި ސޮއިކޮށްފައިވާ ކަމަށާއި 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރ އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި އެކު ޑޮކްޔާޑެއް ތަރައްގީކުރުމުގެ މަސައްކަތުގެ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ތަފާތު އެކި ފަހަރު މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި އެކިއެކި ޓީމުތަކާ ޚާއްސަކޮށް އެމްއެންޑީއެފް އާއި ގުޅުންހުރި އެކިއެކި ޓީމްތައް އަވައްޓެރި ގައުމުތަކާ އެކުވެރި އެހެން ގަމުތަކުގެ ކުންފުނިތަކާ މިލިޓްރީ ބައެއް ބޭފުޅުންވެސް ރާއްޖެއަށް ވަޑައިގަތުމުން އުތުރު ތިލަފަޅު ތަރައްގީކުރުމަށްޓަކައި އެތަނަށް ގެންދެވި މިކަން ކޮށްދެއްވާތޯ ތަފާތު އެކި ފަހަރުމަތިން އެކިއެކި ގައުމުތަކާ އެކީގައި ވާހަކަ ދެކެވި މިއަދާއި ހިސާބަށް އައިއިރުގަ މިތަން ތަރައްގީ ކުރުމަށްޓަކައި އިންޑިއާ ސަރުކާރާ އެއްކޮށް އެއްބަސްވުމަކާ ހަމައަށްމިވަނީ އާދެވިފަ."
ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް

2013 ވަނަ އަހަރުން ފެށިގެން ޑޮކްޔާޑެއް ތަރައްގީ ކުރުމަށްޓަކައި ގިނަ މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކުރައްވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން އަދި 2017، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން އިންޑިއާ ސަރުކާރާ އެކީގައި އެކި ލެވެލްތަކުގަ މި މަސައްކަތް ކުރެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ އަމަލީ ގޮތުން މި މަސައްކަތް ފެއްޓުމުގެ ފުރަތަމަ މަރުހަލާ ކަމަށާއި މިތަނަކީ އަސްކަރީ މަރުކަޒެއް ނޫން ކަމަށެވެ. އެއީ ޒަމާނީ ޑޮކްޔާޑެއް ކަމަށްވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.

މީގެ އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އެތަން ތަރައްގީ ކުރުމަށް ފަހު، ޓެކްނިކަލް ސަޕޯޓު ބޭނުން ވެއްޖެނަމަ، ބޭނުންވި މިންވަރަކަށް، ބޭނުންވި ވަގުތަކު ލިބޭގޮތަށް އިންޑިއާ ސަރުކާރާއި އެކު އެއްބަސް ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފަވާއިރު އުތުރުތިލަފަޅު ހާބަރާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިއާ އަހްމަދު ދީދީއާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރުއެވެ.

ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޚަރަދާއި ވަގުތު ސަލާމަތްވުމާއި، ބަރތިންގ ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ އަރިހުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.