ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާގެ ބައްދަލުވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖަޔަޝަންކަރް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ގާއިމުކޮށްފައިވާ "އެއަރ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ،

އަދި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް އެ މަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2021 ޖަނަވަރީ 20 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިގެންދިޔުމަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް. މީގެ އިތުރުން، ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމަށްޓަކައި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ސަރުކާރާއި، އެ ގައުމުގެ ރައްޔިތުންނަށް ޝުކުރުވެރިވަން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ، އެ މަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އަލިއަޅުއްވައިލައްވާފައެވެ. ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ މަނިކުފާނު ވަނީ ރާއްޖެއަށް ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.

ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި، ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން މުރާޖަޢާކުރުމާއި، ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ބިނާކުރުމާ ގުޅޭ އެއްބަސްވުމާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ބްރޯކްޑްކާސްޓިންގގެ ދާއިރާ ތަރައްގީކުރުމާއި، އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމާ ގުޅޭ އެއްބަސްވުމާއި، ދިފާޢީ ދާއިރާގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރަށް، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ އެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

އަދި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް، ދެ ބޭފުޅުން އިތުރަށް ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.