އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ގ. މާލެހިޔާ، ޑޮކްޓަރ މުޙައްމަދު ޒާހިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޑރ. މުޙައްމަދު ޒާހިރު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ.
ޑރ ޒާހިރު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރުމަށް މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުން ފާސްކުރީ 37 މެމްބަރުންގެ ވޯޓުންނެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރަކީ ބެންގކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެން.އައި.ޑީ.އޭ) އިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިންނެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރއެއްގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފާއި، ނާއިބު ރައީސް އިސްމާޢީލް ޙަބީބާއި، މެންބަރު ޢަލީ ނަޝާތުއާއި މެންބަރު ފުއާދު ތައުފީޤްގެ އިތުރުން މިއަދު އައްޔަންކުރެއްވި ޑރ. މުހައްމަދު ޒާހިރެވެ.
ޝަރިއްޕެ ބޭރުވާން އުޅޭހެން ހާދަހީވެއޭ