އައްޑޫގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށް އިންޑިއާއިން ވެދޭ އެހީގެ ދަށުން އައްޑޫގެ އިތުރުން ރާއްޖޭގެ އިތުރު 5 ސަރަހައްދެއްގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫ ސިޓީގެ މަގު ހެދުމާއި، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރުމުގެ އެއްބސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ހާއްސަ އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ އުތުރާއި ދެކުނު އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ލާމަރުކަޒު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން އައްޑޫއަކީ އިގްތިސޯދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް މިކަމަށް ހާއްސަ ޕްލޭންތަކެއް ހެދިކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ. މި ޕްލޭނާ އެއްގޮތަށް ލަމޑުދަނޑިތަކެއް ހާސިލްކުރުމުގެ މަސައްކަތް އޭރުން ފެށިގެން ކުރަމުންދިޔަ ކަމަށާއި، މިއަދު މިކަމުގެ ލަނޑުދަނޑިއެއް ހާސިލްކުރެވިފައިވާކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން އައްޑޫގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއް ތަރައްގީކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އުތުރުގައި އިގްތިސޯދީ ހަރަކާތްތައް ކުރިއެރުވުމަށް އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާނީ ހދ. ހަނިމާދޫ އެއާޕޯޓު ނިންމުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި މަޝްރޫއުގެ ޑީޕީއާރު ނިމި ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާގައި ބީލަމަށް ހުލުވާލާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މި މަޝްރޫއާއެކު އުތުރުގައި އިގްތިސޯދީ ހަރަކާތްތައް ފެށި އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވެގެންދާނެ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުހާނާއާއި، ކޯލްޑް ސްޓޯރޭޖް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ތެރެއިން ކުރަން ނިންމާފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ ޕްރީ ކޮލޮފިކޭޝަނަށް ބީލަމަށް ހުޅުވާލުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި މަޝްރޫއާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށާއި، އަދި އުތުރުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިތުރު މަޝްރޫއުތަކެއް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށްދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހިލައްވާކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލަރ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ގެ ފަންޑިންގެ ދަށުން މައި މަސައްކަތްތައް އައްޑޫގައި ހިންގާއިރު، މި މަސައްކަތްތަކުގެ ތެރެއިން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުންގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޜާއްޖޭގެ އުތުރާއި ދެކުނު އިގްތިސޯދީ ހަބުތަކުގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތެވެ.