އިދިކޮޅު ޕީޕީއެމް ޕިއެންސީ ކޯލިޝަންގެ ލީޑަރޝިޕް ގްރޫޕުގެ ބޭފުޅުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއްކޮށް އެބޭފުޅުންގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވައިފިއެވެ.

މާލޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުގައި މިއަދު މެންދުރު އޮތް މި ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އެވެ.

އަދި ލީޑަރޝިޕް ގްރޫޕްގެ މެންބަރުން ކަމުގައިވާ ޕީއެންސީ ގެ ނާއިބު ރައީސުންނާއި، ޕީޕީއެމްގެ ނާއިބު ރައީސުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވާއިރު، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ގިނަ ކަންބޮޑުވުންތަކެއް ޑރ. ޖައިޝަންކަރާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން ވޭތުވެދިޔަ 15 މަސްދުވަހު ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އަނިޔާ ލިބެމުންދާ ކަމަށާ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެ، އެމަނިކުފާނު ނުހައްގުން ޖަލަށްލައި، އެތައް އަނިޔާއެއް ދެމުންދާކަން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޑރ. ޖައިޝައްކަރާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީޕީއެމްއިން ކުރަމުންގެންދާ ކެމްޕޭންތަކަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތައްވެސް ކޯލިޝަނުން ފާހަގަކުރިއެވެ.

އަދި ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މިސަރުކާރުގެ އަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެ ކަމެއްކަން ޔަޤީންވާ ކަމުގައިވެސް ވަފުދުގެ ބޭފުޅުން ބުނެފައިވެއެވެ.

އެގޮތުން، މިސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑިމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކޯލިޝަނުން ވަނީ އަލިއަޅުވާލާފައެވެ.

އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެއް ކަމަށާއި، ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރ ވިދާޅުވިކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވެއެވެ.