ތިރީގައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރ ޢަޒީޒާ ޢަފީފު ލިއުއްވާފައިވާ އާޓިކަލެކެވެ.

ޢަޒީޒާ ޢަފީފަކީ 1990 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ވެސް ތަޢުލީމީ ދާއިރާގައި ތަޢުލީމު ދިނުމާއި ތަޢުލީމު ފެތުރުމުގައި އެއްވެސް ފޫހިކަމެއް ނެތި މަސައްކަތްކުރައްވާ ބޭފުޅެކެވެ. 2004 ވަނަ އަހަރު ދިވެހިބަހުގެ ޑިގްރީ ކޯސް ހެއްދެވުމަށްފަހު، ޢަޒީޒާގެ މަސައްކަތް ޚާއްޞަކުރެއްވީ، ދިވެހި ބަހާ ގުޅުން ހުރި ދިރާސީ އަދި ފަންނީ މަސައްކަތްތައް ކުރެއްވުމަށެވެ. ޢަޒީޒާއަކީ، މިހާރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބަހަވީ ޢިލްމާއި އަދި ދިވެހި ބަހުގެ އަދަބިއްޔާތު ފަދަ ބަހާ ގުޅުން ހުރި ތަފާތު މާއްދާތައް ކިޔަވައިދެއްވާ އަދި މި ދާއިރާތަކުން ދިރާސާކުރާ ދަރިވަރުންނަށް ފަންނީ ލަފާދެއްވާ ދާރިސެކެވެ.

***

ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހު، އަޅުގަނޑުމެން ދިވެހި ބަހުގެ މާދަރީންގެ ހިތުގައި ދިވެހިންގެ ވެހި ބަސް، ދިވެހި ބަހުގެ ވިންދުޖެހުން ވަރަށް މުހިންމެވެ. މި ބަސް، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް ޓަކައި، އަދުގެ ޖީލުގެ ކުދިބޮޑު އެންމެންގެ ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން މި ލޮބުވެތި ބަހަށް ބޭނުންވެއެވެ. ދިވެހި ބަހުގެ މާދަރީން މަދެވެ. ޖޯގުރަފީ ގޮތުން ބަލާއިރު ދުނިޔޭގެ ޗާޓުން ރެވިއޮށްޓަރެއްހާ ކުޑައެވެ. ނަމަވެސް މަލިކައްޑޫ (މަލިކުން ފެށިގެން އައްޑޫ އަތޮޅާ) ދެމެދުގައި މިވާ ކުޑަ ސަރަޙައްދުގައި ފެތުރިފައިވާ ދިވެހި ބަހުގެ ބަހަވީ މުއްސަނދިކަމާ މެދު ބަހަވީން ވެސް ހައިރާންވެ ޝޯޚުވާވަރުވެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ގާތްގަނޑަކަށް ދެތިން ލައްކަ މީހުން ވާހަކަދައްކާ ބަހެއްގައި މުއްސަނދި ބަހުރުވަތަކެއް އެކުލެވިދާނެ ކަމަކަށް، މި ބަހުރުވަތައް އަޑުނީވޭ އެއްވެސް މީހަކަށް ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ދިވެހި ބަހުގެ ވެހި ނުވަތަ މައް ބަހުރުވަތައް އިވުނު ކޮންމެ މީހަކު ވެސް، ދިވެހި ބަހަކީ ބަހަވީ ގޮތުން މުއްސަނދިކަން ލިބިފައިވާ ފުރާފުރިހަމަ ބަހެއް ކަމަށް ހެކިވާނެއެވެ. ބަހަކަށް ކާނާ ލިބި އެ ބަހެއްގެ މުއްސަނދިކަން އެންމެ ބޮޑަށް ފެންނާނެ އެކައްޗަކީ އެ ބަހެއްގައި ހިމެނޭ ބަހުރުވަތަކެވެ. އެ ބަހުރުވަތަކުގެ ބަހަވީ ތަފާތުތަކުން ލިއްބައިދޭ ފޮނި މީރު ރަހައެވެ. ބަހުރުވަތަކުން މައި ބަހަށް ފެންދީ، ބަހަށް އާރޯކަމާއި ތާޒާކަން ގެނެސްދެވޭނީ، ބަހުގެ އަހުލުވެރިންގެ ހިތްތަކުގައި ރަސްމީ ބަހުރުވައަށް އޮތް ލޯތްބާއި އިޙުތިރާމު، ބަހުރުވަތަކަށް ވެސް ދީގެންނެވެ. މި ސަބަބަށް ޓަކައި ދިވެހި ބަހުގެ ބަހުރުވަތަކާ މެދު ދިވެހިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީން ކުރައްވައެވެ. ޚާއްޞަކޮށް 2019ވަނަ އަހަރުގެ މާދަރީބަހުގެ ޝިޢާރާ ގުޅިގެން ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލަމެވެ. ވީމާ، މި މަޒުމޫނުގައި ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން 2019ވަނަ އަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަކުރެއްވުމަށް ޓަކައި، ކަނޑައަޅުއްވާފައިވާ ޝިޢާރާއި ދިވެހިންގެ ވެހި ބަހުރުވަތައް ހިމާޔަތްކުރުމާ ހުރި ގުޅުމަކީ ކޮބައިތޯ ބަލައިލާނަމެވެ. އެއަށްފަހު، ދިވެހިންގެ އަމަންއަމާންކަން ގާއިމްކުރުމަށާއި ސުލްޙަމަސަލަސްކަމަށް ޓަކައި ދިވެހި ބަހާއި ބަހުރުވަތައް ދަމަހައްޓަން ޖެހެނީ ކީއްވެގެން ކަމާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި ދިވެހި ބަހާއި މި ބަހުގެ ބަހުރުވަތައް މުހިންމުވާ ގޮތާ މެދު ވާހަކަދައްކާނަމަވެ.

މާދަރީބަހުގެ ދުވަހުގެ ޝިޢާރާއި ދިވެހިންގެ ވެހި ބަހުރުވަ

ދިވެހިން އެންމެ ބޮޑަށް އަހުލުވެރި ވާން ޖެހޭނީ އަދި އަހުލުވެރިވާން ވާނީ ވެސް ދިވެހިންގެ އަމިއްލަ މާދަރީބަސް ދިވެހި ބަހަށެވެ. އެހެނީ ދިވެހިންގެ ވެހި ބަހަކީ، ދިވެހި ބަހެވެ. ނަމަވެސް ޔުނެސްކޯގެ މި ޝިޢާރުގައިވާ "Indigenous Language" (ވެހި ބަސް) މާނަކުރުމުގައި ދިވެހިރާއްޖެއާއި އެހެނިހެން ބޮޑެތި ޤައުމުތަކާ ތަފާތެވެ. އިންޑިއާ، ޗައިނާ، އެމެރިކާއާއި އެފްރިކާގެ ޤައުމުތައް ފަދަ ބައެއް ޤައުމުތަކުގައި ތަފާތު އެތައް ބަސްބަހަކުން ވާހަކަދައްކައެވެ. މިފަދަ ޤައުމުތަކުގައި، އެ ޤައުމުތަކުގެ ރަސްމީ ބަސްބަސް ފިޔަވައި އެހެނިހެން ބަސްބަހަށް ދެވޭ އަހަމިއްޔަތު ވަރަށް ކުޑަވާތަން އާދެއެވެ. މިހާލަތު ދިމާވާ ޤައުމުތަކުގައި ގިނަ ވެހި ބަސްބަސް ހިމާޔަތްކުރަންޖެހެއެވެ. ދިވެހި ބަހުގެ ރަސްމީ ބަހުރުވަ ފިޔަވައި އެހެނިހެން ބަހުރުވަތަކަކީ، ލިޔެކިޔުމާއި ކިޔަވައިދިނުމުގައި ވެސް ބޭނުންނުކުރާ، ރަސްމީ ކަންކަމުގައި ވެސް ބޭނުންނުކުރާ ބަހުރުވަތަކަކަށް ވާތީ، ދިވެހިންގެ މިފަދަ ބަހުރުވަތައް ހިމާޔަތްކުރުމަކީ، ވެހި ބަސްބަސް ހިމާޔަތްކުރަން ގޮވާލައި އަޑު އުފުލާ ދުވަހެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެމެވެ. ހަމައެހެންމެ ދިވެހިންގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ މީސްމީހުންގެ ދުވަހީ ދިރިއުޅުމާއި އާދަކާދައާ ގުޅިފައިވާ އަމިއްލަވަންތަ ބަސްމަގާއި ބަސްކޮށާރު ހިމާޔަތްކުރަން ޖެހޭނެކަން ވެސް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ވީމާ، މާދަރީބަހުގެ ގޮތުގައި ދިވެހިން ހިމާޔަތްކުރަންވީ، ދިވެހިންގެ ވެހި ބަސް، ދިވެހި ބަހާއި މި ބަހުގައި ހިމެނޭ ވެހި ބަހުރުވަތަކެވެ. މިހިސާބުން ދިވެހި ބަހާއި ދިވެހި ބަހުގައި ހިމެނޭ ބަހުރުވަތަކާ މެދު އެއްޗެއް ދަންނަވަން ގަސްތުކުރަމެވެ.

ދިވެހި ބަހާއި ދިވެހި ބަހުގެ ބަހުރުވަތައް

ދިވެހި ބަހުގެ ތާރީޚު މީލާދުގެ 2500 އަހަރު ކުރިއާ ހަމައަށް ފޯރައެވެ. ވީމާ، އަޅުގަނޑުމެންގެ މި ބަހަކީ، ހަގު ބަހެއް ނޫނެވެ. ދުވަސްވީ ބަހެކެވެ. އެހެންކަމުން ބަހެއް ފެތުރި ފުޅާވުމުގެ ޠަބީޢަތާ އެއްގޮތް ވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަސް ފެތުރި ބަހުގައި ބަހަވީ ތަފާތުތައް އެކުލެވި ބަހުރުވަތައް ވަނީ އުފެދިފައެވެ.

ދިވެހިރާއްޖެ ބެހިފައިވާ ބަހަވީ ސަރަޙައްދުތަކަށް ބަލާ އިރު، ދިވެހި ބަހުގެ އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވެނީ، ހުވަދޫ ކަނޑުން ދެކުނުގެ ރަށްރަށުންނެވެ. މިހެން ދެންނެވި ކަމުގައި ވިޔަސް ހައްދުންމަތީ ބަހުރުވައަކީ ވެސް ދިވެހި ބަހުގެ ރަސްމީ ބަހުރުވައާއި ތަފާތު ބަހުރުވައެއް ކަން ފާހަގަކުރަމެވެ. މި ނޫނަސް ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ތަފާތު ބަސްކޮށާރާއި ރާގު ބޭނުންކުރާކަން ފާހަގަކުރެވެއެވެ. ރަސްމީ ބަހުރުވައާ ބޮޑަށް ތަފާތީ ދެކުނުގެ މީހުންގެ ބަސްމަގެވެ. އުތުރުގެ ބަސްމަގުގައި ތަފާތުތަކެއް ހުއްޓަސް ދިވެހި ބަހުގެ ރަސްމީ ބަހުރުވައާ ދެކުނުގެ ބަހުރުވަތަކަށް ވުރެ ތިމާގެކަން ބޮޑެވެ. މިހެންވުމުން އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ދިވެހި ބަހުގެ ރަސްމީ ބަހުރުވައިގެ އިތުރުން ދިވެހި ބަހުގައި ހިމެނޭ މައިގަނޑު ބަހުރުވަތަކަކީ، ހައްދުންމަތީ ބަހުރުވަ، ހުވަދޫ ބަހުރުވަ، ފުވައްމުލަކު ބަހުރުވަ އަދި އައްޑޫ ބަހުރުވައެވެ.

ދެ ހާހުގެ ކުރިއަށް ޖެހިލައިފި ނަމަ، އައްޑޫ ހުވަދޫ ބަހުރުވައޭ ކިޔުމުގެ ބަދަލުގައި ކިޔައި އުޅުނީ، އައްޑޫ ބަސް، ފުވައްމުލަކު ބަސް، ހުވަދޫ ބަސް މިފަދައިންނެވެ. އެތަންތަނުގެ މީހުން މިހާރު ވެސް ބޭނުންކުރަނީ ބަހުރުވައިގެ ބަދަލުގައި ބަހެވެ. ބަހާއި ބަހުރުވަ ވަކިކޮށް ކަނޑައެޅުމަކީ ބަހަވީ ޢިލްމުވެރިންނަށް ވެސް މާކަ ފަސޭހަކަމެއް ނޫންކަމަށް މަޝްހޫރު ބަހަވީ ޢިލްމުވެރިޔާ ކެރޯލް މަޔަރސް ސްކޮޓަން (2006) ވިދާޅުވެއެވެ. އެހެންކަމުން މި ކަން ދެނެގަތުމަށް ދެ މިންގަނޑެއް ގެންގުޅޭ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެއީ ބަހަވީ ގޮތުން ބަލާ މިންގަނޑާއި، އިޖުތިމާޢީ އަދި ސިޔާސީ ގޮތުން ބަލާ މިންގަނޑެވެ.

ބަހަވީ ގޮތުން ބަލައި ބަހާއި ބަހުރުވަ ކަނޑައަޅާ މިންގަނޑުގައި ބަލަނީ، ދައްކާ ވާހަކަ ދޭހަވޭތޯ ނުވަތަ ނުވޭތޯއެވެ. ބަހަވީ ތަފާތުތައް ބޮޑުވެ ދައްކާ ވާހަކަތައް އެކަކު އަނެކަކަށް ދޭހަ ނުވާ ނަމަ، ބުނެވެނީ އެއީ ވަކި ބަހެއް ކަމަށެވެ. ނަމަވެސް ދޭހަވާ ނަމަ، ބުނެވެނީ އެއީ ބަހުރުވައެއް ކަމުގައެވެ. ބަހަވީ ތަފާތުތަކޭ މި ދެންނެވީ، އަޑުނިޔާކުރާ ގޮތާއި، ލަފުޒުތައް އުފެދި ޖުމުލަތައް ތަރުތީބުވާ ގޮތާއި، ބަސްކޮށާރުގައި ހުންނަ ތަފާތުތައް ފަދަ ތަފާތުތަކުގެ ވާހަކައެވެ. މި ތަފާތުތައް ދެނެގަތުމަށް ޓަކައި ޖުމުލައެއް އެކި ބަހުރުވަތަކުން ލިޔެލާނަމެވެ.

1. އޭނާގެ ހުންނަ ވަރު މި ކިޔައިދެނީ. (ރަސްމީ ބަހުރުވަ)

2. އެ ގޮލިޔެގެ ހުންނަން ވަރަ މިކިޔައިދެނޫ. (ލ.މާބައިދޫ)

3. އެޔަގެ ހުންނާ ވަރާ މިކެޔައިދެންނު. (ގދ.ތިނަދޫ)

4. އެއުގެ ހިންނާ ވަރޮ މިކޭދެނީ. (ޏ.ފުވައްމުލައް)

5. އިޔެގެ ހިންނެ ވަރަ މި ކޭއިދެނީ. (ސ.މަރަދޫ)

ދިވެހި ބަހުގެ މައިގަނޑު ފަސް ބަހުރުވައިގައި ވެސް ބަހަވީ ތަފާތުތައް ހުރިކަން މި މިސާލުތަކުން ފާހަގަކުރެވެއެވެ. މި ތަފާތުތައް ކުޑަވި ވަރަކަށް، ދައްކާ ވާހަކަ އެކަކު އަނެކަށް ދޭހަވުން ބޮޑުވާނެއެވެ. ތަފާތު ބޮޑުވި ވަރަކަށް ދޭހަވުން ދާނީ ކުޑަވަމުންނެވެ.

ބަހެއްތޯ ނުވަތަ ބަހުރުވައެއްތޯ ކަނޑައަޅާ ދެވަނަ މިންގަނޑު (އިޖުތިމާޢީ އަދި ސިޔާސީ މިންގަނޑު) ގައި، އިޖުތިމާޢީ ގޮތުން ވަކިވެ، ސިޔާސީ ގޮތުން ވަކި ބަހެއްގެ ގޮތުގައި ކަނޑައަޅާ ހިސާބުން ވަކި ބަހެއްކަމުގައި ބަލައެވެ. އެއީ ކިތަންމެ ބޮޑަކަށް އެއް ބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ދޭހަވި ކަމުގައި ވިޔަސް ވަކި ބަހެއް ކަމުގައި ބަލައެވެ. މިސާލަކަށް ހިންދީ ބަހާއި އުރުދޫ ބަހަކީ މިފަދަ ދެ ބަހެވެ. އެހެނީ ބަހަވީ މިންގަނޑުން ބަލައިފި ނަމަ، މި ދެ ބަސް ބެލެވޭނީ އެއް ބަހެއްގެ ދެ ބަހުރުވަ ކަމުގައެވެ. މިހެން މިވަނީ ޤައުމުތަކުން ސިޔާސީ މިނިވަންކަމާ އެކު ބަހަވީ މިނިވަންކަން ވެސް ބޭނުންވާތީއެވެ. މިގޮތުން، ބައެއް މީހުން ބަހަށް ޓަކައި ހަނގުރާމަކޮށް ވަކިވެގަންނަނީއެވެ. ހަމަ މި ބީދައިން ބަހަކީ ޖަމާޢަތްތައް އެއްބައިވަންތަކުރުވައި، ގުޅުންތައް ދަމަހައްޓައިދޭ އެއްޗެއް ވެސް މެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާއި ޞުލްހަމަސަލަސްކަން ދެމެހެއްޓުމުގައި ދިވެހި ބަހާއި މި ބަހުގެ ބަހުރުވަތަކުގެ ދައުރަތަކަށް އަލިއަޅުވައިލާނަމެވެ.

ދިވެހިންގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމުގައި ވެހި ބަހާއި ވެހި ބަހުރުވަތައް

ކޮންމެ ބަޔެއްގެ ވެސް އިޖުތިމާޢީ އާދަކާދައާއި ދުވަހީ ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅިލާމެހިފައި ވަނީ އެ ބަޔެއްގެ ބަސް ނުވަތަ ބަހުރުވައާއެވެ. އެހެންކަމުން ޙަޤީޤީ އިޖުތިމާޢީ ދުނިޔެ ބިނާވަނީ އިޖުތިމާޢީ އޮނިގަނޑާއި އިޖުތިމާޢީ އާދަކާދައިގެ މައްޗަށް ކަމަށް ބަހުގެ މާހިރެއް ކަމަށްވާ، ނޯމަން ފެއަރކްލޯ (2001) ވިދާޅުވެއެވެ. އެހެންކަމުން ތިމާ ނިސްބަތްވާ ޖަމާޢަތާއި އެ ބަޔެއްގެ އާދަކާދަ އެންމެ ބޮޑަށް ގުޅިފައި ވާނީ ވެސް ބަހާއެވެ. ސަބަބަކީ ކޮންމެ ގުޅުމެއް ވެސް ގުޅުވައިދީ، އެ ގުޅުން ދަމަހައްޓައިދޭ މައިގަނޑު ބާރަކީ ބަހެވެ.

އިޖުތިމާޢީ އޮނިގަނޑުގައި، ކޮންމެ މީހަކު ވެސް ނިސްބަތްވާ އެކި ވަރުވަރުގެ ޖަމާއަތްތައް ނުވަތަ ކުދި އަދި ބޮޑެތި ވިލިތައް (ކޮމިއުނިޓީތައް) ހިމެނެއެވެ. މިއިން ކޮންމެ ވިއްޔެއްގައި ވެސް ނަގާކިޔާ މީހާގެ ބަސް ދަށަށް ތިބޭ މީހުން ޤަބޫލުކުރެއެވެ. އަދި ނުފޫޒުގަދަ މީހާގެ ބަހާއި ބަސްމަގުގެ ސަބަބުން އެހެން މީހުންގެ ބަހާއި ބަސްމަގާއި އުޅުމަށް ވެސް އަސަރުކުރެއެވެ. ހަމައެހެންމެ އެކުގައި އުޅޭ ވިލީގެ މީހުންގެ ބަސްމަގުގެ ސަބަބުން ވަކިވަކި ފަރުދުންގެ ބަސްމަގަށް ވެސް އަސަރުކުރެއެވެ. ވީމާ، އަޅުގަނޑުމެންގެ ކޮންމެ ވިއްޔެއްގައި ވެސް ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ދަމަހައްޓައިދޭ އެންމެ ވަރުގަދަ ފަހުލަވާނަކީ ބަހެވެ. އެހެނީ މުދައްރިސާއި ދަރިވަރުން ގުޅުވައިދޭ ޢިލްމީ ފައްވާރަކީ ބަހެވެ. މައިންބައިންނާއި ދަރިންގެ މެދުގައި އުފެދޭ ކުލުނާއި ލޯބީގެ ކޯރަކީ ވެސް ބަހެވެ. އެއްބަނޑުއެއްބަފާ މީހުންނާއި ދުރުތާ ތިމާގެ މީހުންނާއި ރައްޓެހިންގެ މިލިއުޅުމާއި ސަމާސާގެ ހޮޅުއަށްޓަކީ ވެސް ބަހެވެ. ވެރިންނާއި ވެރިންގެ ދަށުން މަސައްކަތްކުރާ މީސްމީހުންގެ މެދުގައި އޮންނަ އަދަބު އިޙުތިރާމުގެ ފާލަމަކީ ވެސް ބަހެވެ. އެހެންކަމުން އިޖުތިމާއީ ފަންތިތަކާއި ގިންތިތައް ބިނާވަނީ އަޅުގަނޑުމެން އަހުލުވެރިވެފައިވާ ވެހި ބަހުގެ ސަބަބުންނެވެ. އެހެނީ އަޅުގަނޑުމެންނަށް ބަހުގެ އުފާ އެންމެ ބޮޑަށް ހާސިލުވާނީ ވެސް އަޅުގަނޑުމެންގެ ވެށްޓާ ގުޅިފައިވާ އަމިއްލަ ބަހުންނެވެ. ބަހުރުވައަކުން ވާހަކަދައްކާ މީހެއް ނަމަ އެ މީހެއްގެ އަމިއްލަ ބަހުރުވައިންނެވެ.

އިޖުތިމާއީ އާދަކާދައަށް ބެލި ކަމުގައި ވިޔަސް، ކޮންމެ ކަމެއް ކުރަނީ ބަސް ބޭނުންކޮށްގެންނެވެ. އެހެންކަމުން މީހުންގެ ފިކުރާއި ޚިޔާލާއި ދީނީ ޢަޤީދާއާ ގުޅިގެން ބަހަށް ބަދަލު އާދެއެވެ. އަދި ހަމައެހެންމެ ބަހަށް ބަދަލު އަތުވެއްޖެ ނަމަ، މި ދެންނެވި ހުރިހާ ކަމަކަށް ބަދަލުއާދެއެވެ. ޖޭ.ކޭ. ޗެމްބާސް އަދި ޕީޓަރ ޓްރުޑްގިލް (1998) ވިދާޅުވާ ގޮތުގައި އެމެރިކާގެ މަޝްހޫރު ބަހަވީ ޢިލްމުވެރިޔާ އެޑްވަޑް ސާޕިރާއި އޭނާގެ ދަރިވަރު ވޯފްގެ ތިޔަރީގައި ބުނާ ގޮތުން ނަމަ، ބަސް އުފެދެނީ މުޖުތަމަޢުންނެވެ. އަދި މުޖުތަމަޢު ބިނާ ވަނީ ބަހުންނެވެ. މިއިން އެނގޭ ކަމަކީ، ބަހާއި މުޖުތަމަޢު އެކަތި އަނެކައްޗަށް ބާރު ފޯރުވާކަމެވެ. ވީމާ، އެއްވެސް ތަނެއްގައި ސުލްޙަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރަން ބޭނުންވާނަމަ، އެ ބަޔެއްގެ ބަސް ދަމަހައްޓަން ޖެހެއެވެ. މިގޮތަށް ބަސް ދެމެހެއްޓިއްޖެ ނަމަ، އެ ތަނެއްގައި އެ ތަނެއްގެ އަމިއްލަވަންތަކަން ދެމެހެއްޓޭނެއެވެ. ސަގާފަތާމެދު ދަރިވަރުން ފަޚުރުވެރިވެ، ބަހުން އުފާ ހާސިލުކުރާ ތަން ފެންނާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އުފާވެރިކަމާ އެކު ގުޅުން ގާއިމުކޮށް ދިރިއުޅެން ބޭނުން ނަމަ، ސްކޫލުތަކާއި، މަސައްކަތުގެ މާހައުލު ފަދަ ހުރިހާ ތަނެއްގައި ވެސް އެ ބަޔެއްގެ ވެހި ބަހަށާއި ބަހުރުވަތަކަށް އިޙުތިރާމްކޮށް މަރުޙަބާކިޔަން ޖެހެއެވެ. ހަމައެހެންމެ މި ބަވަނަ ވަމުންދާ ދުނިޔޭގައި ތަރައްޤީގެ މަގުގައި ފައިހަމަކުރަމުން ދާން ވާނީ ތިމާމެންގެ ފަސްމަގަށާއި ކުރިމަގަށް ވެސް ބަލައިގެންނެވެ. ތިމާމެންގެ ބަހާއި ބަހުރުވަތަކުން ފެންދީގެން ހައްދާފައިވާ، އަމިއްލަ ސަގާފަތާއި އާދަކަދާއިގެ ހިޔަލުގައި ތިބެގެންނެވެ. ވީމާ، ދިވެހިންގެ ތަރައްޤީއަށް ޓަކައި ދިވެހި ބަހާއި މި ބަހުގެ ވެހި ބަހުރުވަތަކުގެ މުހިންމުކަމަށް ބަލައިލާނަމެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި ދިވެހިންގެ ވެހި ބަހާއި ވެހި ބަހުރުވަ

ދިވެހިންގެ އިއްޔެއާއި މި އަދު ވަރަށް ތަފާތެވެ. އިއްޔެ އަޅުގަނޑުމެންނަކީ، އިންޑިއާ ކަނޑުގައި ފޮރުވި، އެކަހެރިވެފައިވި މުތީތަކެކެވެ. ނަމަވެސް މިއަދު މި މުތީތަކުގެ ވިދުން މުޅި ދުނިޔެ ވެސް ދެކެފިއެވެ. ނުހަނު ލޯތްބާ އެކު، ބަލައިގަނެފިއެވެ. އެހެންކަމުން މި ބަވަނަ ދުނިޔޭގައި އަޅުގަނޑުމެންގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ބޭނުންވާ އެކައްޗަކީ އަޅުގަނޑުމެންގެ ބަހާއި އަމިއްލަވަންތަކަން ދެމެހެއްޓުމެވެ. މި ރާއްޖޭގެ ކޮންމެ ރަށެއްގެ މީހުންގެ ސަގާފަތާއި އާދަކާދައާއި ދިރިއުޅުމަށް ޓަކައި ކުރާ މަސައްކަތްތަކުގައި ތަފާތު ހުރެއެވެ. މި ތަފާތުތަކާ ގުޅިގެން އެބައިމީހުންގެ ބަހުރުވައާއި ބަސްމަގާއި ވާހަކަދައްކާ ރާގު ވެސް ތަފާތެވެ. އެހެންކަމުން އެ ބަޔަކަށް ޚާއްޞަ އެ ބަޔެއްގެ ވެހި ދިރިއުޅުމާ އެކު، ތަރައްޤީގެ އުސް ކުރިބޯށިތަކަށް ވާސިލުވުމަށް މަސައްކަތްކުރުން ވަރަށް މުހިންމެވެ.

ދިވެހިންގެ ތަރައްޤީއާ މެދު ވިސްނާ އިރު، ރާއްޖޭގެ އެކި ރަށް ރަށުގައި ދިރިއުޅުމަށް ޓަކައި އުފައްދާ ތަކެއްޗާއި އެ ތަކެއްޗަށް ކިޔާ ނަންތައް ވެސް ތަފާތެވެ. ދެކުނުގައި ތުނޑުކުނަލާއި ބޮނޑިއާއި އުއްސަކުރު ހަދައެވެ. އުތުރުން ސާންތިއާއި ހާލުފޮޅިއާއި ފަތު ހަކުރު އުފައްދައެވެ. އުތުރުގެ މީހުން ބޯވަޅު އެޅި ލިބާސް ލައެވެ.، ދެކުނުގައި ކަސަބު ބޯވަޅު އެޅި ލިބާސް ލައެވެ. މިއިން ކޮންމެ މަސައްކަތަކާ ގުޅިގެން އެތައް ލަފުޒެއް އެތައް މުހާވަރާއެއް ކާބަފައިންގެ ޒަމާނުއް ސުރެ އަންނަނީ ބޭނުންކުރަމުންނެވެ.

މިސާލަކަށް ކަސަބު ބޯވަޅުގެ ކޮންމެ ހިރަކަށް ވަކިން ދެކުނުގެ މީހުން ނަން ކިޔާފައި ވެއެވެ. މިގޮތުން، ހުވަދޫ އަތޮޅު މީހުން ކިޔާ ނަންތަކުގެ ތެރޭގައި "މަންތޭ އެތިއަޑާ، ކަސަބެ ހިރެ، ބަގިޔާ، ބާދެލާ ހިރެ، ބަގިޔާކޮޅެ، ހުއްދު ހިރާ، ރޯދުއަޑާ، ދަޓުކަސަބާޑާ، ވައްބަގިޔާ، ތުޑެފަޓާ" މިފަދަ ނަންތައް ހިމެނެއެވެ.

ވީމާ، ދިވެހިންގެ ތަރައްޤީއަށް ޓަކައި ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ކުރަމުން އަންނަ އަމިއްލަ ވަންތަ މަސައްކަތްތައް އޭގެ އެންމެ ވެހި ގޮތުގައި ތަރައްޤީކޮށް ދުނިޔޭގެ ބާޒާރުތަކާ ހަމައަށް ގެންދިއުމަށް ޓަކައި، ދިވެހި ބަހުގެ ވެހި ބަހުރުތައް ދަމަހައްޓައި އެ ބަހުރުވަތަކުގެ މާދަރީންގެ މަސައްކަތްތައް ވެހި ގޮތުގައި ތަރައްޤީކުރުން ވަރަށް މުހިންމެވެ.

ތަރައްޤީއާއި ތަހުޒީބާ އެކު އަޅުގަނޑުމެންގެ އަމިއްލަ އުސޫލުތަކާއި ފަންނުވެރިކަމާއި ފާޑުވެރިކަން ވެސް ތަރައްޤީކޮށް ދެމެހެއްޓުމަކީ އަޅުގަނޑުމެން ދިވެހިންގެ ނަން ދިރުވައި އާލާކުރުމުގެ އެންމެ މުހިންމު އެއް ބާރެވެ. ބަހާއި ސަގާފަތާއި އާދަކާދައާ ނުލައި އެ ބަޔެއްގެ ޙަޤީޤީ ކާކުވަންތަކަމެއް ނޭނގޭނެއެވެ. ހަމައެހެންމެ ބަހާއި ސަގާފަތް ގުޅިފައިވަނީ ވަކިނުކުރެވޭނެ ހާ ބާރުގަދަ ގުޅުމަކުންނެވެ. ކާބޯތަކެއްޗަށް ބަލާއިރު، ކުރީ ޒަމާނުގައި އުތުރުގެ މީހުން މައިގަނޑު ކެއުމަކަށް ކަނޑުލާއި ރަނޑޫ ބޭނުންކުރިއެވެ. ނަމަވެސް ދެކުނުގައި އާންމުކޮށް ބޭނުންކޮށްފައި ވަނީ އަލައާއި ބަނބުކޭލެވެ. ބަހާ މި ބައިތަކާ ގުޅިފައިވާ މިންވަރު، "އަލަ ގަހަކުން ކެއު ނިރެއް ނުފަޅާނެއެވެ." "އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވާނީ އެމީހެކެވެ." މިފަދަ ހަރުބަހާއި މިސާލު ބަސްތަކުން ހާމަވެއެވެ. ދިވެހިންގެ މައިގަނޑު މަސައްކަތްތަކަކީ މަސްވެރިކަމާއި ރާވެރިކަމެވެ. މި ދެ މަސައްކަތާ ގުޅިފައިވާ މުހާވަރާތައް ވެސް ވަރަށް ގިނައެވެ. "ގެންފައި ދާނީ ފަލަމަހެވެ." "ހަފޮޅުން އެތެރެވެއްޖެއްޔާ ބަޔެއް އޮންނާނެއެވެ." މިފަދައިން މަސްވެރިކަމާ ދިވެހިންނާ ގުޅިފައިވާ މިންވަރު ހާމަކޮށްދޭ އެތައް ބަހެއް ދިވެހިން ބޭނުންކުރެއެވެ. ހަމައެހެންމެ "ރައިވެރިއެއްގެ ދަރިއަކަށް ވެސް ހަތަރެތިން އެކަތި އޮވެއެވެ." މިއީ ރައިވެރިންނަށް ނިސްބަތްކޮށް އުފެދިފައިވާ އަދަބީ ބަހެކެވެ. އެހެންކަމުން، ގައުމެއް ކުރިއަރައި ތަރައްޤީވުމުގައި އެބައިމީހުންގެ ތާރީޚާއި ސަގާފަތް ދެނެގަނެ، އެއިން ލިބޭ ޢިބުރަތާއި މަންފާއާ އެކު ކުރިއަށް ދިޔުން ވަރަށް މުހިންމެވެ.

ދިވެހި ބަހުގެ ވެހި ބަހުރުވަތަކުން ދިވެހިންގެ ހާލަތާއި ކާކުވަންތަކަން ނުހަނު ބޮޑަށް ދައްކައިދެއެވެ. މިގޮތުން ބަލާއިރު، ހުވަދޫ ބަހުރުވައިން ބޭނުންކުރާ "ތި ކުދެ ހީވެންނޫ އައިނަކު މަންތޭ ހުއްޓީ އިކިން ކެރަގައިކެ ހެން" (ތިޔަ ކުއްޖާ ހީވަނީ އައިނެއްގެ މަތީގައި ހުރި އެންމެ ކުރަނތްގެއް ހެން) މި މުހާވަރާ ބޭނުންކުރަނީ އަންހެންކުދިންގެ ރީތިކަން ސިފަކުރުމަށް ޓަކައި އައިން މަތީ ދޫންޏެއް ކަމުގައިވާ ކުރަނގީގެ ރީތިކަމާ ގުޅުވައިގެންނެވެ. ހުވަދޫ އަތޮޅަކީ މަސްވެރި އަތޮޅަކަށް ވާތީ، އެބައިމީހުންނަށް އެންމެ ރީތި މި ވަނީ ވެސް މަސްއައިން މަތީގައި އުދުހޭ ދޫންޏެކެވެ. ފުވައްމުލަކުގައި ބޭނުންކުރާ އަދަބީ ބަހަކަށް ބަލާއިރު، "ނިހަލާ ރަޅެކި ފެނައެން ނިހިންނާހިން" (ނުނަގާ ރާޅެއްގެ ފޮނެއް ނުހުންނާނެ) މި އަދަބީ ބަސް ގުޅިފައި ވަނީ، ފުވައްމުލައް އުފެދިފައިވާ ގޮތާއެވެ. އެހެނީ ފުވައްމުލަކަކީ، ކަނޑުމަތީގެ ރަށަކަށް ވާތީ އެ ރަށުގެ ވަށައިގެން ބޮޑެތި ބިޔަ ރާޅުތައް ނަގައެވެ. ވީމާ، މިއީ ފުވައްމުލަކުގެ ގުދުރަތީ ވެއްޓާ ނުހަނު ބޮޑަށް ގުޅޭ އަދަބީ ބަހެކެވެ. ހަމައެހެންމެ "ހައް ތަނި ބޭވި ބަނބުކެއު މުޑޭށައުހެން" (ހަތް ތަނުގައި ބެހެއްޓި ބަނބުކެޔޮ މުޅޯށްޓެއްހެން) މިއީ އައްޑޫ އަތޮޅަށް ޚާއްޞަ އަދަބީ ބަހެކެވެ. އައްޑޫ އަތޮޅު މީހުންނަކީ މަސްވެރިކަމަށް ވުރެ ބޮޑަށް ދަނޑުވެރިކަމުން ކައިބޮއި އުޅުނު ބައެކެވެ. ވީމާ، މި މުހާވަރާގައި މިވަނީ އެބައިމީހުންގެ މައިގަނޑު ކާނާއެއް ކަމުގައިވާ ބަނބުކޭލުގެ ވާހަކަ ދައްކާފައެވެ. އެހެންކަމުން، ޤައުމެއް ތަރައްޤީކުރަން އެދޭނަމަ، ފުރަތަމަ ވެސް އެ ބަޔަކީ ކޮން ބަޔެއްކަމާއި އެ ބައިމީހުންގެ ތެރޭގައި ކުރެވިދާނެ މަސައްކަތްތަކާއި ވިސްނުމާއި ފިކުރު ހުންނާނެ ގޮތް ދެނެގަންނަން ޖެހެއެވެ. މިކަން އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެބައިމީހުންގެ ވެހި ބަހާއި ވެހި ބަހުރުވަތަކުންނެވެ.

ދިވެހިރާއްޖޭގައި ޖަޒީރާ ފަތުރުވެރިކަން ފެތުރި ފުޅާވަމުން ދާއިރު، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގޮތުގައި ދެމިތިބެ، އަޅުގަނޑުމެންގެ ބަހާއި ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުން މުހިންމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، މި ނަލަ ޖަޒީރާތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަޅުގަނޑުމެންގެ ވެހި ބަހާއި ބަހުރުވައާއި ވެހި ސަގާފަތާއި އާދަކާދައަކީ ބޮޑުއަގުގައި ވިއްކޭނެ އެއްޗަކަށް ހެދިދާނެއެވެ. ނަމަވެސް އެހެން ވާނީ، އަޅުގަނގަނޑުމެންގެ ވެހި ބަހާއި ވެހި ބަހުރުވަ ހިމާޔަތްކުރެވިގެންނެވެ. މިއީ ދިރުން ހުރި ވިދާ ބަބުޅާ ޖަވާހިރެއްގެ ގޮތުގައި ލޯތްބާ އެކު ޤަބޫލުކޮށްގެންނެވެ. މިކަން އަޅުގަނޑުމެންގެ ކުދިބޮޑު އެންމެނަށް ޤަބޫލުކުރެވިއްޖެއްޔާ އަޅުގަނޑުމެންނަކީ މި ލޮބިވެތި ވެހި ބަހާއި ބަހުރުވައިގެ ސަބަބުން އަމާން އޮމާން ސުލްހަވެރި ދިރިއުޅުމެއް އުޅޭ އުފާވެރި ބަޔަކަށް ވެވިދާނެއެވެ. ހަމައެހެންމެ ބަވަނަ ދުނިޔޭގެ ތަރައްޤީގެ ދުވެލީގެ އެންމެ ކުރީގައި މިސްރާބު ސީދާކޮށްލެވޭ ނަވެއް ކަމުގައި މި ދިވެހިރާއްޖެވުމަކީ ދުރުގައި ވާކަމެއް ވެސް ނުމެ ނޫންމެއެވެ. ވީމާ، ޔުނަސްކޯއިން 2019 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ޝިޢާރުން ހިތްވަރު ލިބިގަނެ، މި ލޮބުވެތި ދިވެހިރާއްޖެއަށް އުފާފާގަތިކަން ގެނައުމުގައި، އަޅުގަނޑުމެން އެންމެހާ ދިވެހިން އަތުގުޅައި އެއް ޢަޒުމެއްގައި ތިބެ، ދިވެހި ބަހާއި މި ބަހުގެ ވެހި ބަހުރުވަތައް ހިމާޔަތްކުރަމާތޯއެވެ؟

ބަސްކޮށާރު

ހުއްދު ހިރާ: ރިހި ކަސަބުން ގަތާފައި ހުންނަ، އާދައިގެ ހިރަށް ވުރެ ފުޅާ ހިރެއް. މި ހިރު އަޅާނީ ކަސަބު ބޯވަޅު އެޅި ހެދުމުގެ ރޮދިގަނޑާ ޖެހިގެން އޭގެ މަތީގައްޔާއި ތިރީގައި.

ނަގާކިޔާ މީހާ: ޖަމާޢަތެއްގައި އިސްކޮށް ބަސްބުނާ މީހާ.

ރޯދުއަޑާ: ކަސަބު ބޯވަޅުގެ މެދުގައި ހުންނަ އެންމެ ފުޅާ ހިރު. މި ހިރު ގަތާނީ އެކި ކުލަކުލައިގެ ބާދަލާއާއި ބަރަނި ބޭނުންކޮށްގެން. އެހެންކަމުން ހިރުގެ މެދު ހުންނާނީ ރީތި ގޮތްގޮތަށް ޑިޒަންކުރެވިފައި.

ބަހުރުވަ: ބަހަކުން ވާހަކަދައްކާ ބަޔެއްގެ މެދުގައި ހުންނަ ބަހަވީ ތަފާތުއް.

ބަވަނަ: ވިޔަފާރިއާއި އެހެނިހެން ގުޅުންތަކުގެ ސަބަބުން، އެއް ބަޔަކު އަނެއް ބަޔަކަށް އެނގި ދަސްވެ، ސަރުކާރުތަކާއި ތަފާތު ކުންފުނިތަކާއި މީސްމީހުންގެ މެދުގައި، މުޅި ދުނިޔެއަށް ހުޅުވިފައި އޮންނަ ގުޅުން.

ބަގިޔާ: އާދައިގެ ބަރަނި ނުވަތަ ފަށުވި ބަރަނިން ގަތާފައި ހުންނަ ހިމަ ހިރު.

ބަގިޔާކޮޅެ: މާޖަހާފައި ހުންނަ ބަގިޔާ.

ބާދެލާ ހިރެ: ބަރަނި ހިރުގެ މެދަށް ބަދަލާ ފަށެއް ލައިގެން ގަތާފައި ހުންނަ ހިރު

ކަސަބެ ހިރެ: ކަސަބުން ގަތާފައި ހުންނަ ހިރު.

ކާކުވަންތަކަން: އެމީހަކު ނުވަތަ އެ ބަޔަކު ދުނިޔެއަށް ދައްކާ އެމީހެއްގެ ނުވަތަ އެ ބަޔެއްގެ އަމިއްލަ ގޮތްފޮތް

އިޖުތިމާޢީ އޮނިގަނޑު: ވިއްޔެއްގައި ނުވަތަ ޖަމާޢަތެއްގައި އިޖުތިމާޢީ ގުޅުންތައް ތަރުތީބުވެފައި އޮންނަ ގޮތް. މި އޮނިގަނޑު ބިނާވާނީ، ވިލީގެ ނުވަތަ ޖަމާޢަތުގެ މީހުންގެ މިލިއުޅުމާއި އާދަކާދައާއި ގަބޫލުކޮށް ބަލައިގަންނަ އަގުތަކުގެ މައްޗަށް.

އިޖުތިމާޢީ އާދަކާދަ: ވިއްޔެއް ނުވަތަ ޖަމާޢަތެއްގެ މީހުންގެ މިލިއުޅުމާއި ކޮށްއުޅޭ ކަންތައްތަކާއި ޤަބޫލުކޮށް ބަލައިގަންނަ އަގުތައް

އިޖުތިމާޢީ ދުނިޔެ: އެކަކު އަނެކަކަށް ވާގިވެރިވެ އެންމެން އެކުވެރިކަމާ އެކު ދިރިއުޅޭ ވިލިތައް ނުވަތަ ޖަމާޢަތްތައް

ވިލި: އަވަށް. ބައިބައި.

ވެހި ބަހުރުވަ: އެބަޔަކު އެ ބަހުރުވައަކަށް އަހުލުވެރިވެފައިވާ އެ ބަހުރުވައެއް ދިރުވައި އާލާކޮށް ރައްކާތެރިކުރަން ޖެހިފައިވާ އެ ބަޔެއްގެ އަމިއްލަ މައް ބަހުރުވަ

ވެހި ބަސް: އެބަޔަކު އެ ބަހަކަށް އަހުލުވެރިވެފައިވާ އެ ބަހެއް ދިރުވައި އާލާކޮށް ރައްކާތެރިކުރަން ޖެހިފައިވާ އެ ބަޔެއްގެ މައް ބަސް

ވައްބަގިޔާ: ކަސަބު ބޯވަޅުގެ ތުނޑު ހިރުގެ މަތީގައި ހުންނަ ހިރު. ބައެއް ފަހަރު ވައްބަގިޔާގެ ގޮތުގައި ދެ ހިރު ވެސް އަޅާފައި ހުރޭ. މިއީ އާދައިގެ ހިމަ ހިރު. ރަން ނުވަތަ ރިހި ކަސަބުގެ ހިރު ވެސް ބޭނުންކުރޭ

މާދަރީން: މާދަރީބަހުން ވާހަކަދައްކާ މީހުން. މާދަރީބަހުގެ އަލުވެރިން

މަންތޭ އެތިއަޑާ: ކަސަބު ބޯވަޅު އެޅި ހެދުމުގެ ބޯވަޅުގެ އެންމެ މަތީގައި ހުނަން ހިރު

ފައްވާރު: ފެންއަރުވާވަޑާން

ދަޓުކަސަބާޑާ: ކަސަބު ބޯވަޅުގެ ވައްބަގިޔާގެ މަތީގައި ހުންނަ ހިރު. މި ހިރު އާދައިގެ ކަސަބު ހިރަށް ވުރެ ފުޅާވާނެ.

ތުޑެފަޓާ: ކަސަބު ބޯވަޅުގެ އެންމެ ތިރީގައި ހުންނަ ހިރު. މި ހިރު ގަތާފައި ހުންނާނީ ތުނޑުތުނޑު ލައްވާފައި

ރެފަރެންސް

ނޯމަން ފެއަރކްލޯ. (2001). ލެންގުއޭޖް އެންޑް ޕަވަރ. (ސެކަންޑް އެޑިޝަން). އިންގްލޭންޑް: ޕިއަރސަން އެޑިއުކޭޝަން.

ކެރޯލް މަޔަރސް ސްކޮޓަން. (2006). މަލްޓިޕްލް ވޮއިސް އޭން އިންޓްރޮޑަކްޝަން ޓު ބައިލިންގުއަލިޒަމް. ޔޫ.ކޭ: ބްލެކްވެލް ޕަބްލިޝިންގ

ދިވެހިބަހުގެ އެކެޑަމީ. (2019). ބަސްފޮތް. ނެގީ: http://radheef.mv/index.php?do=search

ޖޭ.ކޭ. ޗެމްބާސް އަދި ޕީޓަރ ޓްރުޑްގިލް. (1998). ޑައިލެކްޓޮލޮޖީ. (ސެކަންޑް އެޑިޝަން) ޔޫ.ކޭ: ކެމްބްރިޖް ޔުނިވަސިޓީ ޕްރެސް