ކޮވިޑް-19 ނުރައްކާތެރިކަން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ މިދަނޑިވަޅުގައި އެކި ޤައުމުތަކުންދަނީ އެޤައުމުތަކުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ މަޤްސަދުގައި އެކި ގަވައިދުތައް ހަދާ އެއަށް އަމަލުކުރަމުންނެވެ. އަހަރުމެންގެ އަވަށްޓެރި ޤައުމު އިންޑިއާގައިވެސްދަނީ މިފަދަ ގަވާއިދުތަކާ އުސޫލުތައް ގާއިމުކޮށް އެއާއެއްގޮތަށް އަމަލުކުރަމުންނެވެ.

ދާދިފަހުން ބޮލީވުޑުގް އެކްޓަރު ވިވެކް އޮބެރޯއިގެ މައްޗަށްވަނީ ކޮވިޑ-19 އާއި ގުޅިގެން އިންޑިއާގައި ކަނޑައަޅާފައިވާ ގަވާއިދުތަކަށް ހުރުމަތްރިކޮށް ނުހިތުމުގެ ދައުވާކޮށްފައެވެ.

ވިވެކްވަނީ އިންޑިއާގެ ޓްރެފިކް ގަވާއިދަށް ބޯނުލަނބާ، ފެބްރުއަރީ 14ވަނަ ދުވަހު (ލޯބިވެރިންގެ ދުވަހު) ވިވެކްގެ އަންހެނުން ގޮވައިގެން އިންޑިއާގެ މުމްބާއީގެ މަގުމަތީ ސައިކަލް ދުއްވާފައެވެ.

ވިވެކް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަނީ ދެމީހުންވެސް މާސްކު ނައަޅާ އަދި ހެލްމެޓެއްވެސް ނައަޅާ ސައިކަލް ދުއްވާފައިދާ މަންޒަރެވެ.

އިންޑިއާގެ ޓްރެފިކް ގަވައިދުން ބުނާގޮތުން މިހާރު ސައިކަލް ދުއްވާއިރު ކޮންމެ މީހަކުވެސް ހެލްމެޓް އެޅުމަކީ ލާޒިމުވެގެންވާ ކަމެކެވެ.

މިމައްސަލައާ ގުޅިގެން މުމްބާއީގެ ފުލުހުންވަނީ ވިވެކްއާ އޭނާގެ އަންހެނުން ޖޫރިމާނާވެސް ކޮށްފައެވެ.

މިމައްސަލައާ ގުޅޭގޮތުން ވިވެކްގެ ސްޓޭޓްމެންޓް ނެގުމަށް ފުލުހުން އޭނާގެ ގެއަށްދިޔައިރު ވިވެކްވަނީ، ފިލްމީ މަސައްކަތަކާ ގުޅިގެން އިންޑިއާގެ ދިއްލީއަށް ފުރާފައެވެ.

އާއްމުންގެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބި ގިނަބަޔަކު އެބަޔަކު ނަކަލުކުރާ ބޮލީވުޑްގެ ފަންނާނުން މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތައް ހިންގާތީ އިންޑިއާގެ ފުލުހުންވަނީ އެކަމާ ނުރުހުން ފާޅުކޮށް ވާހަކަދައްކާފައެވެ.

ޚާއްސަކޮށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ބޮލީވުޑްގެ ފަންނާނުންގެ ފަރާތުން ފެންނަ މިފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލއިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށްވެސް މުމްބާއީގެ ފުލުހުންވަނީ ބުނެފައެވެ.