ރަޝިޔާގައި އާންމުކޮށް ބޭނުންކުރުމަށް ތިންވަނަ ވެކްސިނަކަށް ރަޝިޔާ ސަރުކާރުން ހުއްދަ ދީފިއެވެ.

މިކަން އިއުލާން ކުރެއްވީ ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން، ގައުމީ ޓީވީ މެދުވެރިކޮށެވެ.

ރަޝިޔާގައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަދިން ތިންވަނަ ވެކްސިނަކީ "ކޮވިވެކް" ގެ ނަމުން ނަންދީފައިވާ ވެކްސިނެކެވެ. މިއީ، ރަޝިޔާގެ ޗުމަކޯވް ސެންޓަރުން ތަރައްގީކޮށްފައިވާ ވެކްސިނެކެވެ.

މި ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ރަޝިޔާ ސަރުކާރުން ދިންއިރު، އެ ވެކްސިން އެއްފަހަރާ ގިނަބަޔަކު ބޭނުންކޮށްގެން ކްލިނިކަލް ޓްރައިލްސް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ރަޝިޔާ ސަރުކާރުން މީގެކުރިންވަނީ ދެ ވެކްސިނަކަށް ހުއްދަ ދީފައެވެ.

ރަޝިޔާއިން އެންމެ ފުރަތަމަ ހުއްދަދިނީ މޮސްކޯގެ ގަމާލިއާ އިންސްޓިޓިއުޓުން ތަރައްގީކޮށް އުފެއްދި ސްޕުޓްނިކް5 ވެކްސިނަށެވެ.

އެ ވެކްސިނަށްވެސް ރަޝިޔާ ސަރުކާރުން ފުރަތަމަ ހުއްދަދިނީ، ގިނަ ބަޔަކު ބޭނުންކޮށްގެން ކްލިނިކަލް ޓްރައިލްސް ހެދުމުގެ ކުރިންނެވެ.

ނަމަވެސް ފަހުން ހެދި ކްލިނިކަލް ޓްރައިލްސްގެ ނަތީޖާތަކުން ދައްކާފައިވަނީ ސްޕުޓްނިކް5 ވެކްސިންއަކީ ކާމިޔާބު ވެކްސިނެއް ކަމަށެވެ.

ރަޝިޔާ ސަރުކާރުން ދެވަނައަށް ހުއްދަ ދިނީ ވެކްޓަރ އިންސްޓިޓިއުޓުން ތަރައްގީކޮށްފައިވާ ވެކްސިނެވެ.

މި ވެކްސިންވެސް ރަޝިޔާގެ އާންމުންނަށް ދިނުމަށް ތައްޔާރުވަމުންދާއިރު، ބޮޑުވަޒީރު ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ވިދާޅުވީ، ރަޝިޔާއަކީ ކޮވިޑް ބައްޔާ ދެކޮޅަށް 3 ވެކްސިނެއް ބޭނުންކުރާ ހަމައެކަނި ގައުމު ކަމަށެވެ.

ސްޕުޓްނިކް5 ވެކްސިން ބޭނުންކޮށްގެން ރަޝިޔާއިން އާންމުންނަށް ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

ރަޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓަރ މިޚައިލް މުރަޝްކޯ، މި ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު ވިދާޅުވެފައިވަނީ، އެ ދުވަހާ ހަމައަށް ރަޝިޔާގެ 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ.