ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އަވަހަށް ލިބުމާއެކު، އަންނަ ބުދަދުވަހު ވެކްސިން ޖަހަން ފަށަން މެލޭޝިޔާއިން ނިންމައިފިއެވެ.

މެލޭޝިޔާއިން ކުރިން ނިންމާފައިއޮތީ މިމަހުގެ 26 ވަނަ ދުވަހު ވެކްސިން ޖަހަން ފެށުމަށެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިންގެ 312،390 ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މެލޭޝިޔާއަށް ގެނެސްފައިވަނީ މިއަދު ހެނދުނުއެވެ.

ވާޗުއަލް ނިއުސް ކޮންފަރެންސެއްގައި މެލޭޝިޔާގެ ސައިންސް މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިންގެ ދެވަނަ ޝިޕްމަންޓް މިމަހުގެ 26 ގައި ލިބޭނޭ ކަމަށެވެ.

މެލޭޝިޔާއިން އޯޑަރުކޮށްފައިވާ ފައިޒަރ ވެކްސިންގެ ޑޯޒްތައް އެއްކޮށް ލިބެންދެން ކޮންމެ ދެ ހަފްތާއިން އެއް ހަފްތާގައި ވެކްސިން ޝިޕްމަންޓްތައް ލިބެމުންދާނޭ ކަމަށްވެސް ސައިންސް މިނިސްޓަރ ވިދާޅުވިއެވެ.

ފައިޒަރ-ބަޔޯއެންޓެކްގެ 32 މިލިއަން ޑޯޒް ވެކްސިން ގަތުމަށް މެލޭޝިޔާއިންވަނީ އޯޑަރުކޮށްފައެވެ.

މީގެއިތުރުން، ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ ވެކްސިން ގަތުމަށްވެސް މެލޭޝިޔާއިންވަނީ އޯޑަރުކޮށްފައެވެ.

މެލޭޝިޔާގެ ކަމާބެހޭ އިދާރާއިން އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާއެކު، ސިނޮވެކްގެ ވެކްސިންގެ ޝިޕްމަންޓް، ފެބްރުއަރީ 27 ގައި ބަލްކްކޮށް ލިބޭނޭ ކަމަށްވެސް މެލޭޝިޔާ ސަރުކާރުން ބުނެފައި ވެއެވެ.

މެލޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ބުދަދުވަހު ފަށާއިރު، އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ކަމަށް ސައިންސް މިނިސްޓަރ ވިދާޅުވިއެވެ.

މެލޭޝިޔާއިން އެކަށައަޅާފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ސިއްހީ ޚިދުމަތްތެރިންނަށާއި، އެކި އިދާރާތަކުން ފްރަންޓްލައިންގައި މަސައްކަތްކުރާ ސްޓާފުންނަށެވެ.

ދެވަނަ ފިޔަވަހީގއި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގެ ސަބަބުން ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖައްސާފައިވަނީ މެއިމަހުން ފެށިގެންނެވެ.

މެލޭޝިޔާގެ އާބާދީގައި 32 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން %80 މީހުންނަށް އެއް އަހަރުގެ ތެރޭގައި ވެކްސިންދީ ނިންމަން މެލޭޝިޔާއިންވަނީ ކަނޑައަޅާފައެވެ.