މި ދައުރުގައި ހުވަދު އަތޮޅުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމިހުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައި ދެެއްކެވި ވާހަކަފުޅުގައެވެ.
ހުވަދު އަތޮޅަށް މިއަހަރުތެރޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނެ ދައުރު ނިމުމުގެ ކުރިން ހުވަދު އަތޮޅުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ގާއިމްކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މި ވައިގެ ބަނދަރު އަޅާނީ ހުވަދު އަތޮޅުގެ ކޮން ރަށެއްގައި ކަމެއް އަދި ކަނޑައަޅާފައިނުވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ދައުރު ނިމުމުގެ ކުރިން ހުވަދު އަތޮޅުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ގާއިމްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވާފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ބަންދަރުތައް ހިންގަމުންދާއިރު، ރާއްޖޭގައި މިވަގުތު ހިންގަމުންދަނީ 4 ބައިނަލްއަގުވާމީ ބވައިގެ ބަނަދަރެކެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓެވެ.