ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވަވައިދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިކަން އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވާ ރިޔާސަތުން އަންގާ އެންގުންތައް އިއުލާންކުރައްވައެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެމްބަރުން ހިމެނިވަޑައިގަންނަވާ ޕާޓީތަކުގެ ފަރާތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު މިމަހުގެ 24 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން މަޖިލީހުން ވަގުތުން ދުރަށް ފޮނުވޭނެކަމަށާއި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޖިލީހުގެ އެމްޑީޕީ މެންބަރުން މަޑުމައިތިރިކަމާއެކީގައި ހަނު ތިއްބެވުމަށް ރައީސް ނަޝީދު ވަނީ މެމްބަރުންގެ ކިބައިން އެދިވަޑާއިގެންފައެވެ.

އެދޭ ޖަވާބަށް އަނެއްކާ ތިބޭފުޅުން ހަމަ ވަގުތުން ޖަވާބު ދެއްވުން ގަވާއިދަކުވެސް ނެތް. އަދި ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނިކޮށް ބައެއް ޕީޕީއެމް މެމްބަރުން ވަގުތުން ޖަވާބުދެއްވަމުން ގެންދެވި. އެވެސް ގަވާއިދުގަ އޮތް ކަމެއް ނޫން."
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގައި ޕީޕިއެމަށް ނިސްބަތްވާ އިއްޒަތްތެރި 6 މެންބަރުން ތިއްބަވާއިރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމްއެވެ.