ވެރިކަންކުރާ އިރު ތަރައްގީ އަންނަން ޖެހޭނީ ވަކި ޕާޓީއަކަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ރަށްރަށަށް ހަދިޔާކުރި ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން ތޮއްޑޫ އާއި އުކުޅަހަށް މިއަހަރު ހަދިޔާކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި ޕާކް ސައިޓްތައް އެ ރަށްރަށަށް ލިބޭނެ ތާރީޚެއް އޮޅުން ފިލުވުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަަސަން ޝިޔާން ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
މަހުލޫފް ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރަށްރަށަށް ދިން ޕާކު ލިސްޓު އެކުލަވާލިއިރު ތޮއްޑޫ އާއި އުކުޅަސް އޮތީ ހިމެނިފައި ކަމަށާއި ނަމަވެސް ފަހުން ލިސްޓް ފައިނަލް ކުރިއިރު އެ ދެރަށް ވަނީ އުނިކޮށްފައި ކަމަށާއި އެކަން އެގޮތަށް ކުރެއްވީ ހަމަހަމަ ފުރުސަތު ދިނުމުގެ މަގްސަދުގައި ކަމަށެވެ.
ވެރިކަން ކުރާއިރު ތަރައްގީ ގެންނަނީ ވަކި ޕާޓީއަކަށް ބަލައިގެން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެމްޑީޕީ މެޖޯރިޓީ ނުވަތަ އެމްޑީޕީ މެމްބަރަކު ތަމްސީލު ނުކުރާ ދާއިރާތައްވެސް ތަރައްގީކޮށްގެންވެސް އެ ދާއިރާއަކުން އެމްޑީޕީއަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޔޫތު މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަނީ ހަމަހަމަ އުސޫލެއްގެ ތެރެއިން ކަންކަން ކޮށްދެވޭތޯ ކަމަށާއި ސަރުކާރުންވެސް މަސައްކަތް ކުރަނީ ވަކި ޕާޓީއަކަށް ނުވަތަ އާބާދީއަކަށް ބަލައިގެންނޫން ކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
އެހެންކަމުން ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމުގަ ޔޫތު މިނިސްޓްރީ ތަފާތު ކުރާ ކަމަށް ދެކޭ ނަމަ އެއީ ވަރަށް ދެރަ ކަމެއް ކަމަށްވެސް މިނިސްޓަރ މަހުޅުފް ވިދާޅުވިއެވެ.
ކ.ގުރައިދޫ ދާއިރާގެ 3 ރަށަށް ޚާއްސައިސްކަމެއްދީގެން ކުޅިވަރު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ މެމްބަރު ވަނީ އެއްވެސް މަޝްރޫއުއެއް ނުހިންގާ ރަށްރަށް ހުރިކަން ފާހަގަކުރައްވާ އެއީ ހަމަހަމަ ގޮތްތޯ ސުވާލު އުފައްދަވާފައެވެ.