ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިންޑިއާ މާކެޓްގައި ފުޅާ ދާއިރާއެއްގައި އިޝްތިހާރުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ގެނެވުނު ފުރަތަމަ މީޑިއާ ފޭމް ޓްރިޕް ކަމަށެވެ.

ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ހިދުމަތްތައް ތަޖުރިބާކޮށް، އެކަމާ ގުޅޭގޮތުން ޚަބަރުތައް ޝާއިޢުކުރުމުގެ މަޤްސަދުގައި މިއަދު ޒިޔާރަތްކުރި ނޫސްވެރިންގެ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިދަތުރުގައި ބައިވެރިވެފައި ވަނީ އިންޑިއާގެ މަޝްހޫރު ނޫސް މަޖައްލާތައް ކަމުގައިވާ ދަ ޕައިނިއާ، ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޓީއެމްއެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް މަޖައްލާގެ 5 އެޑިޓަރުންނެވެ. މި ޓީމުން ރާއްޖޭގައި 5 ދުވަސް ހޭދަކުރާނެ ކަމަށާއި، މި ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ކައި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސް ގައި ކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މި ދަތުރުގައި ކޮންމެ ރިސޯޓަކުން ތަޖުރިބާކުރެވެން ހުންނަ ހިދުމަތްތަކާއި ރާއްޖޭގެ ފަތުވެރިކަމާއި ބެހޭ ގޮތުން ޚަބަރުތައް ލިޔާނެ ކަމަށާއި، މި މަޖައްލާ ތަކަކީ އިންޑިއާ މާކެޓްގައި މަޝްހޫރު އަދި ބޮޑު ސާކިއުލޭޝަނެއް ހިމެނޭ މަޖައްލާ ތަކެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.

އިންޑިއާ ހިމެނިފައިވަނީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން އިންޑިއާގައި ތަފާތު މާކެޓިން ހަރަކާތްތައް ކުރިއަށްގެންދަމުން އަންނަކަށް ފާހަގަކޮށް އެ ކުންފުނިން ބުނީ ފޭމް ޓްރިޕް ތަކުގެ އިތުރުންވެސް އެހެނިހެން އޮންލައިން އަދި އޮފްލައިން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަމުންދާކަމަށެވެ. މީގެ ތެރޭގައި އިންޑިއާގައި ބާއްވާ ޓްރެވަލް ޓްރޭޑް ފެއާ ތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުމާއި، ވެބިނާތައް ބޭއްވުމާއި ރޯޑް ޝޯތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަލާލާއިރު ރާއްޖޭގެ ފަތުރުވެރިކަން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހު 5،100 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، މިއަހަރުތެރޭ އެއްދުވަހެއްގެ މައްޗަށް އެންމެގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަށް ވަނީ ވެފައެވެ.