ވޯޓާސް ރަޖިސްޓްރީއަށް ހުޅުވާލުމާއެކު މިހާތަނަށް 1752 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް މިމަހުގެ 9 ދުވަހު ހުޅުވާލުމާއެކު މިއަދުގެ ނިޔަލަށް 1758 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާކަމަށެވެ.

ފަސްކުރި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިޚާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް މިއަދު ދޭނެކަމަށް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ މީހުންނަށް ލިބިފައިވާއިރު ވޯޓް ކަރުދާސް ޗާޕުކުރަން ކޮމިޝަނުން ނިންމާފައިވަނީ މި އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.

މާލެ ސިޓީން ވޯޓު ދިނުމުގެ ހައްގު 51,499 މީހުންނަށް ލިބިފައިވާއިރު އައްޑޫ ސިޓީން 25,055 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި ފުވައްމުލަކު ސިޓީން 9,177 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

ކުޅުދުއްފުށި ސިޓީން 6,825 މީހުންނަށް ވޯޓު ދިނުމުގެ ހައްގު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާއިރު އެހެނިހެން އަތޮޅުތައް ހިމެނޭ ގޮތަށް 179924މީހުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައި ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.

އިންތިހާބުގެ ޚާއްސަ ގާނޫނުގެ ދަށުން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސަބަބުންނާއި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކުރުމާ ގުޅިގެން އިންތިހާބަކާނުލާ މެމްބަރުން ހޮވިފައިވާ ދާއިރާތަކާއި މަގާމުތަކުގެ ތަފްސީލް ހިއްސާކުރައްވާ ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 7 ދާއިރާއަކަށް 28 މެމްބަރުން އިންތިހާބުވާ ކަމަށްވެސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.