ގައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް ލިބިދާނެފަދަ ޚާރިޖީ އަދި އަސްކަރީ ހުށަހެޅުންތަކާއި ދައުވަތުތަކަށް ޕީޕީއެމް އެއިރުވެސް އަދި މިހާރުވެސް އިޖާބަ ނުދޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިމިވަނީ އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ވަގުތެއްގައެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ވަނީ އުތުރު ތިލަފަޅުވިޔަސް، ނުވަތަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް، ހަލެއް އަދި ގިރިއެއް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެންދާނެ އަމަލެއް އެ ޕާޓީން ނުހިންގާނެ ކަމަށެވެ.

އަދި، އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާނަމަ، އެކަމަކަށް އެ ޕާޓީން ހުރަސްއަޅާނެ ކަމަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ތަންނުދޭ އަދި ގާނޫނުތަކުން ހުއްދަނުކުރާ ކަންކަމާއި، ގައުމުގެ އެންމެ މަތިވެރި ބަހާތަކަށް އުނިކަން އަތުވެދާނެފަދަ ކަންކަމަށް، ސާބިތުކަމާއެކު ކުޑަވެސް ޖެހިލުމެއްނެތި، ނޫނެކޭ ބުނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ދިވެހިންގެ މި ލޮބުވެތި އަދި ކަރާމާތްތެރި ފަސްގަނޑުގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ މިޕާޓީން ދުވަހަކުވެސް ތާއީދުކުރި ކަމެއް ނޫން. އަދި، ތާއީދު ކުރާނެ ކަމެއްވެސް ނޫން. އެފަދަ ހުށަހެޅުމުގެ ބަދަލުގައި ނުވަތަ މުޤާބިލުގައި ކޮންމެ އެއްޗެއް ނުވަތަ ކަމެއް ހުށަހެޅުނުކަމުގައިވިއަސް، މިޕާޓީން ވެރިކަން ކުރަމުންދިޔައީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ވަފާތެރިކަން އަދާކުރުންމަތީ."
ޕީޕީއެމް

ދިވެހިންގެ ތަރިކައެއް އަތުން ބީވެގެންދާނެފަދަ ގޮތަކަށް މިސަރުކާރުން ކުރާ ކޮންމެ އަމަލެއް، މިޕާޓީގެ ވެރިކަމުގައި ބަދަލުކުރާނެކަން ފާހަގަކޮށް ޕީޕއެމުން ނެރުނު ބަޔާނުގައި ވަނީ އަދި، އެފަދަ އަމަލުތައް ހިންގާ ބަޔަކާމެދު، ކުރިއެކޭ އެއްފަދައިން، ގާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ޕީޕީއެމުން މިފަދައިން ބަޔާނެއް ނެރެފައިވާއިރު އުތުރު ތިލަފަޅުގައި ގާއިމްކުރާ ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޚަރަދާއި ވަގުތު ސަލާމަތްވުމާއި، ބަރތިންގ ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.