ދިވެހިރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް-19 ވެކްސިން ދެމުންދިޔަނަމަވެސް ބަލި އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންމަތީ ދެމިތިބުން މުހިންމުކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެތަނެއްގައި ހަލުވިކަމާއެކު ބަލި ފެތުރޭ ކަމަށްވާނަމަ ވެކްސިންއިން ލިބޭ ރައްކާތެރިކަން ނުވަތަ ވެކްސިންގެ އިފެކްޓިވްނެސް ކުޑަވާކަމަށެވެ.
އެހެންކަމުން ވެކްސިނުން ލިބޭ ރައްކާތެރިކަން އިތުރުކުރުމަށާއި، އަދި ކުރިއަށް އޮތްތަނުގައި އިތުރު ވޭރިއެންޓްތައް ފެތުރުމުގެ ފުރުސަތު ހަނިކުރުމަށްވެސް ބަލި ކޮންޓްރޯލްކުރުން މުހިންމު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާން އުމުރުފުރާތަކުގެ މީހުން މި ބައްޔާމެދު މާބޮޑު ސަމާލުކަމެއް ނުދީ، މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމުގައި ގަބޫލުނުކުރާކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާކަންވެސް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ޖެހިއްޖެނަމަ އެންމެ ފުރަތަމަ ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެނުނުނަމަވެސް، ފަހުން ވަރަށް ދިގު މުއްދަތަކަށް މި ބަލީގެ އަލާމާތްތައް ދެމިގެންދާކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް ބަލިން ރައްކާތެރިވެ ތިބުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ޑރ. ނަޒްލާ ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މާސްކު އަޅަން އޮންނަ ގޮތަށް މާސްކު އެޅުމަށާއި، ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެން ބަލިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.